ދުނިޔެ ޔޫރަޕް

އެނދުމަތި ކުރާ 60 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަަމަކޮށްފައިވާ ފަރާތްތައް ކަމަށް ބުނެވުނީ އޮޅުމަކުން: ޕެޓްރިކް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އެނދުމަތި ކުރާ މީހުންގެ 60 އިންސައްތަ މީހުންނަކީ ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ބްރިޓަންގެ ޗީފް ސައިންޓިފިކް އެޑްވައިޒަރު ޕެޓްރިކް ވަލެންސް ބުނެފުއެވެ.

Ads by Sosun Fihaara

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެޓްރިކް ބުނެފައި ވަނީ ކޮވިޑް-19 ޖެހިގެން އެނދުމަތިވާން ޖެހޭ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. ޕެޓްރިކް މިހެން ބުނެފައި ވަނީ ބޮޑު ވަޒީރު ބޮރިސްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުން ނިންމައިލައި ޕެޓްރިކް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ, އެހެން ބުނެފައި ވަނީ އޮޅުމަކުން ކަމަށާއި ކޮވިޑް-19 ޖެހިގެން އެނދުމަތި ކުރެވޭ މީހުންގެ 60 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕެޓްރިކް އިތުރަށް ބުނެފައި ވަނީ، ބްރިޓަންގައި ކޮވިޑް-19 ފިޔަވަޅުތަކަށް ލުއި ދިން ކަމުގައި ވީނަމަވެސް ކޮވިޑް-19 އިން ސަލާމަތްވުމަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަލިން އެއްކޮށް އަރައިގަނެވޭނީ ވެކްސިން އާބާދީގެ އިތުރު ބަޔަކަށް ޖަހައިގެން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިންގެލެންޑްގައި މިހާރު 3,813 މީހަކަށް އެނދުމަތި ކުރެވިގެން ފަރުވާ ދެމުން އެބަ ގެންދެއެވެ. މިއީ މާރިޗްގެ ފަހުން އެއްފަހަރާ އެންމެ ގިނަ މީހުން އެނދުމަތި ކުރެވުނު ފަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!