ޚަބަރު

މޮނީޓަރިންގެ ހާލަތުން ފުވައްމުލައް ނެގޭނެ ދުވަހެއް އަދި ނޭނގެ، ބައެއް ލުއިތައް ވަނީ ދީފައި: މޭޔަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުން ފެށިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ޏ.ފުވައްމުލަކު ސިޓީ، އާންމު ހާލަތަށް ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ކޮންމެ ދުވަހަކު ވެސް 7 ވަރަކަށް މީހުން އެ ސިޓީން ކޮވިޑް-19އަށް ފައްސި ވަމުން އަންނަ ކަމަށް ފުވައްމުލަކު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސިޓީން މި ބައްޔަށް ފައްސިވެފައިވާ ވޭދަނަތައް މިހާރު ވެސް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަަމަށެވެ.

" ކޮންމެ ދުވަހަކު ވެސް ފައްސި ވޭދަނަތައް އެބަ އުޅޭ، ރޭންޑަމް ވޭދަނަތައް ވެސް އުޅޭތީއާ އެކީގައި މޮނީޓަރިންގުން ނުނެގިގެން މިއުޅެނީ. ހާލު ދެރަ މީހަކު ނެތް، އެކަމަކު ބައެއް ފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ" ރަފީޤް ވިދާޅުވިއެވެ.

މޮނީޓަރިންގެ ހާލަތުގައި ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ފުވައްމުލަކު ސިޓީން އަދިވެސް ފައްސި ވޭދަނަތައް ފެންނަމުން ދާތީ އާންމު ހާލަތަށް އަދި ނުގެނެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ވިދާޅުވެފައެވެ.

ރަފީޤް އިތުރަށް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުގައި ފުވައްމުލައް އޮތް ނަމަވެސް، ބައެއް ލުއިތައް މިހާރު ދީފައިވާ ކަމަށެވެ.

"ކާފިއު ނޫން ގަޑިތަކުގައި ހުންނާނެ ކެފޭ/ރެސްޓޯރަންޓުގެ ޚިދުމަތްތަކާއި ފިހާރަތަކުގެ ޚިދުމަތްތައް މިހާރު ލިބެން. އޭގެ އިތުރުން ކާފިއު ގަޑި ވެސް އޮންނާނީ ރޭގަނޑު 9:00އިން ފަތިހު 4:00އަށް. އެގަޑިއަށް ބަދަލު ގެނެސް އިތުރަށް ލަސްކޮށްދިނުމަށް އެޗްޕީއޭގައި ވާނީ އެދިފައި"މޭޔަރު ރަފީޤް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ވިޔަފާރި ކުރުމުގެ ބައެއް ތަންތަނުން ޚިދުމަތް ދިނުމަށް ހުޅުވާލައިފައިވީ ނަމަވެސް، އަދިވެސް އެތަނުގައި ޕާޓީތަކާއި ޙަފްލާތައް ބޭއްވުން މަނަލެވެ.

ފުވައްމުލަކު ސިޓީގެ އެންމެ ފަހުގެ އަދާހަމައަށް ބަލައިލާއިރު، އިއްޔެ އެ ސިޓީން އިތުރު 7 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 50 މީހުން ތިބިއިރު، މިހާތަނަށް އެ ސިޓީން މި ބައްޔަށް ފައްސިވެފައި ވަނީ ޖުމްލަ 836 މީހުންނެވެ. އަދި 787 މީހުން ފުވައްމުލަކު ސިޓީން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!