ޚަބަރު

ހަރުކަށި ފިކުރު ފަތުރާ ގޮތްތައް ކިޔައިދެއްވައިފި، ޢިލްމުވެރީންގެ ބަސް ނޭހުމަށް ބާރުއަޅާ

  • ހަމަލާގެ ބައިވެރިން ދެކެނީ ދައުލަތުގެ ފައިސާ ހަރާމް ކަމަށް
  • ދައުލަތުން މުސާރަ ލިބޭ މީހުންނަކީ ތާޢޫނުން ކަމަށް ޤަބޫލު ކުރޭ
  • ފޯނުން ފެންނަން ހުރި ބައެއް މަންޒަރުތަކަށް ބަލާއިރުގައި، ދީނީ ގޮތުން އަޤީދާއެއް ނެތްކަން ހާމަވޭ
މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހަރުކަށި ފިކުރަށް ތަބާވާ މީހުންގެ ވިސްނުން ހުންނަ ގޮތާއި އެމީހުންގެ ފިކުރު ފަތުރާ ގޮތުގެ ކުރު ޚުލާސާއެއް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ހިއްސާ ކުރައްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް އަމާޒުކޮށް ހަރުކަށި ފިކުރުގެ މީހުން މެއި ހަ ވަނަ ދުވަހު ދިން ހަމަލާގެ އަދާހަމަ ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ރިޔާޟް ވިދާޅުވީ ހަރުކަށި ފިކުރު ޕްރަމޯޓްކޮށް އެކަން ރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރާ މީހުންނަކީ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމީ ސަނަދެއް، ސެޓްފިކެޓެއް ހޯދައިފައި ނުވާ ބައެއް ކަމަށެވެ. އަދި އެ މީހުންނަށް ފެންނަ ގޮތަށް ޤުރުއާނާއި ސުންނަތުގެ ބައެއް ކަންކަން މާނަކޮށް އިސްލާމީ ފިޤްހީ ޤައިދާތައް މުޅިން އެހެން މާނައެއްގައި ބޭނުންކޮށް އެހެން މީހުންނަށް އެކަން ކިޔައިދެމުން އަންނަ ކަމަށް ރިޔާޟް ވިދާޅުވިއެވެ.

"ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ތަޢުލީމް ޙާސިލް ކުރައްވައިގެން ތިއްބަވާ ޢިލްމުވެރިންނާއި ޝެއިޚުން އެކަން ބަޔާންކޮށްދެއްވާ ގޮތާ މުޅިން ތަފާތުކޮށް މީހުންނަށް ވިސްނައިދީ ބަޔާންކޮށްދިނުމާއި އަދި އެގޮތަށް ތަބާވާ މީހުންގެ ލިޔުންތަކާއި ވީޑިއޯއާއި ފޮޓޯ އަދި ފޮތްތައް ފަދަ އެއްޗެހި ފަތުރާ ހަދަމުންދޭ" ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ބަސް ޤަބޫލު ކުރާ މީހުން ކުރެން ޢިލްމުވެެރިންނާއި ޝެއިޚުންގެ ބަސް އަޑު ނޭހުމަށް ބުނާ ކަމަށެވެ. އަދި ޢިލްމުވެރިންނާ މުޢާމަލާތް ނުކުރުމަށް ބާރު އަޅާ ކަމަށް ތަޙްޤީޤުން ފާހަގަވެފައިވާ ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.

"ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ތަޢުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިންގެ ބަސް ނޭހުމަށާއި އެފަރާތްތަކާ މުޢާމަލާތް ނުކުރުމަށް އެ ފަރާތްތަކުން ވަރަށް ބޮޑަށް ބާރު އަޅަމުންދާކަން ފާހަގަ ކުރެވޭ. ރަސްމީ ތަޢުލީމުގެ ތެރެއިން ޢިލްމުވެރިން ކަނޑައަޅުއްވާފައި ހުންނަ ފަރާތްތަކުގެ ބަސް ނޭހުމަށް ވެސް ނަސޭހަތްތެރިވޭ." ރިޔާޟް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ އެކު ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރާ ޝެއިޚުންނަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. ބައެއް ފަރާތްތަކުން ދީނީ ޢިލްމުވެރިންގެ ބޮލުގައި ހަރުކަށި ފިކުރުގެ ޓެގް އަޅުވައި އެމީހުންގެ ބަސްތަކުން އެފަދަ ކަންކަމަށް މަގުފަހިވާ ކަަމަށް ބުނެފައިވެއެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަތައް އިތުރަށް ކިޔައިދެއްވަމުން ރިޔާޟް ވިދާޅުވީ، އެ މީހުން  ދިވެހި ދައުލަތް ގަބޫލު ނުކުރާ ކަމަށާއި ދައުލަތުގެ ފައިސާ ވެސް ހަރާމް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ މީހުން ވަނީ ފޭކް ލިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް އެލަވަންސް ވެސް ހޯދައިފައި ކަމަށާއި ދައުލަތުން ދޭ އާއްމުދަނީއަކީ ހަލާލު އެއްޗެއް ނޫން ކަމަށް ވަކާލާތުކުރި ނަމަވެސް އަމިއްލަ ހާޖަތު ފުއްދުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރާ ކަމަށް ރިޔާޟް ވިދާޅުވިއެވެ. އަދި މިކަން ކުރަނީ ފޮރުވިގެން ތިބެ ކަަމަށާއި ހަރުކަށި ފިކުރުގެ ފަރާތްތަކަށް ޙަމްދަރުދީވާ ބޭފުޅުން މިފަދަ ކަންކަމާ މެދު ވިސްނުން ބަހައްޓަވަން ޖެހޭނެކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.

"މި ހަމަލާ ދިން މީހުން ، ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް ދެކިގެން، ދިވެހި ދަޢުލަތް ޤަބޫލު ނުކޮށް، ރައީސުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ މުސާރަދޭ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތާޣޫތުންގެ ގޮތުގައި ކަނޑައަޅައިގެން އެފަރާތްތަކުގެ ލެއާއި މުދާ ހުއްދަ ކުރޭ" ރިޔާޟް ވިދާޅުވީ، އެފަރާތްތަކާ ގުޅުން އޮންނަ މީހުންގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުން އެ މަޤާމުތަކުން ދުރުވާން ބާރު އަޅާ ކަމަށާއި އެހެން ނަމަވެސް މިވާހަކަތައް ފަތުރާ މީހުންގެތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ ފައިސާއިން ޚަރަދު ކުރާ މީހުން ކަމަށެވެ.

ރިޔާޟް އިތުރަށް ވިދާޅުވީ، މީގެ ތެރެއިން ބައެއް މީހުންގެ ފޯނުން ފެންނަން ހުރި ބައެއް މަންޒަރުތަކަށް ބަލާއިރުގައި، ދީނީ ގޮތުން އެ ބުނާ މިންވަރުގެ އަޤީދާއެއް ހުރެގެން ކަންކަން ކުރާ ބައެއްގެ ގޮތުގައި ނުބެލެވޭނެ ވަރަށް ގިނަ ސަބަބުތައް ފެންނަން އެބަހުރި ކަމަށެވެ. ރިޔާޟްގެ ވާހަކަފުޅުގައި މާނަ ކުރެއްވީ ބަރަހަނާ މަންޒަރުތައް ފޯނުގައި ހުރުން ކަމަށް ލަފާ ކުރެވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން، ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމެވެ. މި ހަމަލާގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!