ޚަބަރު

500 އަށްވުރެ ގިނަ މީހުންނަށް ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުން އެކުލަވާލައި، ޔުނިޓުތަކުގެ ތަޅުދަނޑި ޙަވާލުކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ހާމަކުރައްވައިފިއެވެ.

Ads by MWSC

ހިޔާ ފްލެޓުތައް ވެރިފަރާތްތަކާ ޙަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތް ޢީދު ބަންދަށް ފަހު އާދިއްތަ ދުވަހުގެ ހެނދުނު އަލުން ވަނީ ފަށައިފައެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 11:00 ޖެހުމާ ހަމައަށް 531 ފަރާތަކާ އެކު އެއްބަސްވުން އެކުލަވައިލާ ފްލެޓުގެ ތަޅުދަނޑި ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރީ 25 ބުރީގެ 16 ޓަވަރެވެ. މުޅި ޖުމްލަ 6،720 ފުލެޓް ދޫކޮށްފައިވާ މި މަޝްރޫއުގެ އެއްބަސްވުން ތަކުގައި މިއަދު ސޮއިކުރާނީ ޓަވަރު އެޗް9އިން ފްލެޓް ލިބުނު 118 މީހަކާ އެކުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ އެއްބަސްވުމުގަައި ސޮއި ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރުމަށް "ހިޔާ 7000 ޕޯޓަލް"ގައި ޕާރސަނަލް އެކައުންޓު ހުޅުވުމަށް އެޗްޑީސީން ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކިބައިން ވަނީ އެދިފައެވެ.

އެޗްޑީސީން ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއި ކުރުމުގައި ހިޔާ 7000 ޕޯޓަލްގެ ބޭނުން ކުރުމުން ފުލެޓު ލިބުނު ފަރާތްތަކަށް ލިޔެކިޔުންތައް ހުށައަޅަށް ފަސޭހަވާނެ ކަމަށާއި ކޮވިޑް19 ސަބަބުން ކުރިމަތިވާ ހުރަސްތަކާ އެކު ވެސް ހުއްޓުމެއް ނެތި އެއްބަސްވުން ތަކުގައި ސޮއިކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!