ޚަބަރު

ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނާޒިމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނެލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ބޭރު ޤައުމެއްގެ ސިފައިން ބޭތިއްބުމުގެ ހުއްދަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ފައުންޑަރ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މޯލްޑިވްސް ނެޝަނެލް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، އެ ޕާޓީގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ޤައުމިއްޔަތާއި އިސްތިޤްލާލަށް ބުރު އަރާ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަށް ރައްޔިތުންގެ ކަންބޮޑުވާ ކަމަށާއި މިކަމުގައި އެ ޕާޓީގެ ސްޓޭންޑަކީ ކޮބައިތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ދިވެހިންގެ ބިމުން ބޭރުގެ ބަޔަކަށް އެންމެ އިންޗިއެއް ވެސް ނުދެއްވާނެ ކަަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދިވެހި ބިމުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދިނުމުގެ ފުރުސަތެއް ނުދޭނަން... ރާއްޖޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ތިބުމުގެ ފުރުސަތެއް ނުދޭނަން، މިކަމަކީ ވާހަކަދެކެވި ނިންމެވިފައިވާ" ނާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ، އެ ބޭފުޅުންގެ ވެރިކަމެއްގައި ގެންގުޅުއްވާނީ "ރާއްޖެ ފަސްޓް" ޕޮލިސީ ކަމަށާއި އެކަމާ ފުށުއަރާ އެގްރީމެންޓްތައް ބާތިލު ވާނެ ކަމަށެވެ. އަދި ދިވެހިންނަށް ފައިދާ ވާގޮތަށް ނޫން ގޮތަށް ހުރި އެގްރީމެންޓްތައްވެސް ބާތިލު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ ޕާޓީގެ ސިޔާސަތަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކޮށް ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް އަޑުގަދަ ކުރުމެއް ނޫން ކަމަށާއި އެ ޕާޓީން ބޭނުން ކުރާނީ ޑިޕްލޮމެޓިކް ގޮތްތައް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!