ޚަބަރު

ލުއިތަކާ އެކު ފައްސި ވޭދަނަތައް އަދި އިތުރެއް ނުވޭ، ބޮޑަށް އެނގޭނީ ރަށްރަށަށް ދިޔަ މީހުން އައުމުން: އެޗްއީއޯސީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދަތުރުވެރިން / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ވަމުން ދިޔުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދިން ލުއިތަކުގެ ސަބަބުން ފަހަކަށް އައިސް އަނެއްކާ ވެސް މި ބައްޔަށް ފައްސިވެފައިވާ ވޭދަނަތައް އިތުރުވަމުން ދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ދޮގު ކޮށްފިއެވެ.

Ads by MWSC

އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 100އަށް ވުރެ މަތިވެފައެވެ. ނަމަވެސް އެއީ ރާއްޖޭގެ ކޮވިޑް ހާލަތު މެއި މަހު ގޯސްވި އަދަދާ ބަލައި ވަރަށް ވެސް ކުޑަ އަދަދެއްކަން ފާހަގަ ކުރެވެއެވެ.

"ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ ވޭދަނަތައް އިތުރު ނުވާ ކަމަށާއި ފާއިތުވީ ދުވަސްތަކުގައި ވެސް ޖުމްލަކޮށް ފައްސިވީ އަދަދުތައް 100އަށް ވެސް ނާރާ ކަމަށެވެ.

"ދީފައިވާ ލުއިތަކާ އެކު ނަތީޖާއަށް އައި ބަދަލުތައް ބޮޑަށް އެނގޭނީ ރަށްރަށަށް ދިޔަ މީހުން އަނބުރާ އައުމުން. ނަމަވެސް އަދި މާލޭގެ ވޭދަނަތަކާއި އަތޮޅުތެރޭގެ ވޭދަނަތައް ވެސް މަތިވެފައިވާ ކަމަށް ފާހަގައެއް ނުކުރެވޭ." އޮފިޝަލު ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓަކާ އެކު، މޮނިޓަރިންގައި ނެތް ކޮންމެ ރަށަކަށް ވެސް ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ބަދަލާ އެކު، ވެކްސިން ފުރިހަމަކުރި މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

ރާއްޖޭގައި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ 13 ރަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!