ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޕާކިންތަކުގައި އެހެން މީހުން ޕާކް ނުކުރުމަށް މޭޔަރުގެ އިލްތިމާސް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަދައިފައި ހުންނަ ޕާކިންތަކުގައި އާއްމުންގެ ބައެއް ފަރާތްތައް ޕާކް ކުރަމުންދާ މައްސަލައިގައި އެ ގޮތަށް އެކަން ނުކުރުމަށް މާލެ ސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޕާކިންތަކުގައި އެހެން މީހުން ޕާކް ކުރާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން މޭޔަރު ވިދާޅުވީ، މިގޮތަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ޚާއްސަކޮށްފައިވާ ޕާކިންގް ސްލޮޓްތަކުގައި މީހުން ޕާކް ކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި އެގޮތަށް ކަންތައް ނުކުރެއްވުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ. އަދި މުޖުތަމަޢު ތަރައްޤީ ވާނީ މިފަދަ ކަންކަމުގައި ވިސްނުމާއި އަމަލު ތަރައްޤީ ވެގެން ކަމަށް ވެސް މޭޔަރގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ޕާކިން އޭރިއާތަކެއް ހަދައިފައި ހުރެއެވެ. މިގޮތަށް ޚާއްސަ ޕާކިން އޭރިއާއެއް މާލޭގައި ހަދައިފައި ވަނީ 2017 ވަނަ އަހަރު ހައުންސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އޭރު ހައުންސިންގް މިނިސްޓަރަކަށް ހުންނެވީ، މިހާރު މާލޭގެ މޭޔަރު ޑރ.މުޢިއްޒެވެ.

މާލޭގައި ޕާކިންގެ މައްސަލައަކީ ވަރަށް ދުވަސްވީ މައްސަލައެކެވެ. މިމައްސަލަ ހައްލު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މާލޭ ސިޓީ ކައުންސިލުން ޕާކް ކުރާނެ ތަންތަން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!