ނާސްތާ ޕްރޮގްރާމް: ނާސްތާ ދެވޭނީ ކޮންމެހެން ބޭނުންވާ ކުދިންނަށް
ސަރުކާރުން ފަށާފައިވާ ނާސްތާ ޕްރޮގުރާމުގެ ދަށުން ، އައު ދިރާސީ އަހަރުގައި ނާސްތާ ދެވިގެން ދާނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފައްޓަވައި ދެއްވި ނާސްތާ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވަނީ ސްކޫލް 2019ވަނަ އަހަރު ސްކޫލަށް ހާޒިރު ވެގެން ދަރިވަރުން ތައުލީމު އުނގެނުނު ދުވަސްވަރު ނާސްތާ ދެއްވައިފައެވެ.
އެއަށްފަހު 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން އެ ޕްރޮގްރާމް ހިންގުން ވަނީ މަޑުޖައްސައިލައިފައެވެ.
އެ ޕްރޮގްރާމް މި ދިރާސީ އައު އަހަރު އަލުން ކުރިއަށް ގެންދިޔުމަށް ނިންމައިފައިވީ ނަމަވެސް، މިފަހަރު ނާސްތާ ފޯރުކޮށްދެއްވާނީ ކޮންމެހެން ހެނދުނުގެ ނާސްތާ ބޭނުންވާ ކަމަށް ފެންނަ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ކޮވިޑާ ގުޅިގެން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމް ނިމެންދެން (މި އަހަރުގެ ނިމެންދެން) އެ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމައިފައިވާ ކަމަށެވެ.
އަހުމަދު އަލީ އިތުރަށް ވިދާޅުވީ ނާސްތާ ޕްރޮގްރާމް ހުއްޓައިލީ ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ދަތި ހާލުގައި ވެސް ނާސްތާ ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައެޅިފައިވާ ދަރިވަރުންނަށް ދެމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އައު ދިރާސީ އަހަރުގައި އެ ކުދިންނަށް ނާސްތާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޯ ތޭންކްސް