ޝަރުތަކީ ސަރުކާރަށް ނަޝީދު ކުރާ ތާއީދު މީޑިޔާ ކުރިމަތީ އަނބުރާ ގެންދިޔުން، އެހެންނަމަވެސް އެކީ މަސައްކަތެއް ނުކުރާނަން: ސުޖާއު
ޕީޕީއެމާއި ޕީއެންސީން ބޭނުން ވަނީ ރައީސް ނަޝީދު މި ސަރުކާރަށް ކުރާ ތާއީދު ރާއްޖޭގެ މީޑިޔާތައް ކުރިމަތީގައި އަނބުރާ ގެންދެވުމަށް ކަމަށާއި އެގޮތަށް އެކަން ކުރި ނަމަވެސް ޕީޕީއެމް އަދި ޕީއެންސީން ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން ހިންގަމުން އަންނަ ހަރަކާތުގެ ތެރެއިން ރޭ އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުން ޕާޓީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ ޝަރުތަކީ ސަރުކާރަށް ރައީސް ނަޝީދު ކުރާ ތާއީދު އަނބުރާ ގެންދެވުން ކަމަށާއި އެކަން ކުރައްވަން ވާނީވެސް މީޑިޔާތައް ކުރިމަތީގައި ކަމަށެވެ.
"ދިވެހިރާއްޖޭގެ މީޑިޔާތައް ކުރިމަތީގައި ރައީސް ނަޝީދު އެބަ ޖެހޭ އެމަނިކުފާނުގެ ތާއީދު މިސަރުކާރުން އަނބުރާ ގެންނަން އެބަ ޖެހޭ ރައްޔިތުންގެ ކުރިމަތީގައި އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ތާއިދު ނުކުރާނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރާނެ ގޮތަކީ އެހެން ނަމަވެސް އެމަނިކުފާނާ އެކީގައި ޕީޕީއެމް ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ" ޝުޖާއު ވިދާޅުވިއެވެ.
"ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުމީ. ޕީޕީއެމް ތެރެ ފަސާދަ ކުރުމުގެ ފުރުސަތު މަނިކުފާނަށް އަޅުގަނޑުމެން ދޭ ގޮތަކަށް ނޫން މިތިބީ. ރައީސް މުހައްމަދު ނަޝީދާއެކު ޕީޕީއެމް ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ." ހުޅުމާލޭ ކައުންސިލަރުގެ މަގާމުގައި ހުންނެވި ސުޖާއު ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ، އިބުރާހިމް މުހައްމަދު ޞާލިހާ ދެމެދު އޮތް ގުޅުން ހީނަރުވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ސިޔާސީ ގޮތުން ވަނީ ބައިބައިވެފައެވެ. އަދި ރައީސް ޞާލިހުއާ ސިޔާސީ ގުޅުން ކެނޑިފައިވާކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަނެއް ހަދާ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.