ޤައުމު މިނިވަން ކުރުމުގެ ނަމުގައި އިދިކޮޅުން ކެމްޕެއިނެއް، ސިޔާސީ ލީޑަރުންނަށް ދައުވަތު
ގައުމު މިނިވަން ކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމުން މިރޭ ޚާއްސަ ކެމްޕެއިނެއް އިފްތިތާހުކޮށް، އެ ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވައިފިއެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި އިފްތިތާހްކުރި އެ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މި ވަގުތު ގައުމުގެ މިނިވަންކަން އޮތީ ނާޒުކު ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތް ކުރަން އެ ޕާޓީއާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތްތައް ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެކަން ކުރެވޭނީ މިނިވަންކަން މަތީ ރާއްޖެ އޮވެގެން ކަމަށެވެ. އަދި ބައެއް ސިޔާސީ ލީޑަރުންގެ ނަން ވިދާޅުވެ، ޕްރޮގްރެސިވް ކޯލިޝަންގެ ދައުވަތު އަދުރޭ އެ ބޭފުޅުންނަށް އެރުވިއެވެ.
އެގޮތުން އަދުރޭ އެންމެ ފުރަތަމަ ވެސް ދައުވަތު އެރުވީ ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލްޤައްޔޫމްއަށެވެ.
ރައީސް މައުމޫންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް ގައުމު މިނިވަންކުރުމަށް ޕީޕީއެމުން ފެށި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އަދުރޭ މިރޭ ވިދާޅުވިއެވެ.