ދުވާފަރުން ކޮވިޑް-19 ޖެހިގެން ނިޔާވީ އޮކްސިޖަން ނުލިބިގެން ކަމަށް ބުނާ ވާހަކަ ކައުންސިލުން ދޮގުކޮށްފި
ރ.ދުވާފަރުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮވިޑް-19 ޖެހިގެން ނިޔާވި އަންހެން މީހާ ނިޔާވީ އޮކްސިޖަން ނުލިބިގެންކަމަށް ބުނާ ވާހަކަތައް އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް ވިދާޅުވީ އެމީހާ ނިޔާވީ ސިއްހީ މަރުކަޒުގައި އޮކްސިޖަން ނެތިގެން ، އޮކްސިޖަން ނުލިބިގެން ކަމަށް މީޑިޔާތަކުގައި ހަބަރު ފެތުރުނު ނަމަވެސް އެއީ ދޮގު މައުލޫމާތެއްކަމަށެވެ.
"އެމީހާ ނިޔާވީ އޮކްސިޖަން ނުލިިބިިގެންނެއް ނޫން. މިދެންނެވީ މަރުކަޒުން އޮކްސިޖަން ހުސްވީއެއް ނޫން. އޭނާގެ ހަށިގަނޑުން އޮކްސިޖަން ދަށްވީ. ދަށްވެގެން ގޮސް މިހެންވީ. އަޅުގަނޑުވެސް އެތާ ހުރިން" ހަކީމް ވިދާޅުވިއެވެ.
ކޮވިޑް-19ގައި ދުވާފަރުން މިިހާތަނަށް 4 މީހުން ނިޔާވެފައިވާތީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުން މަރުވާ ކަަމަށް ބުނެ، ރ.ދުވާފަރު ހޮސްޕިޓަލް ސަރަހައްދުގައި ވަނީ މުޒާހަރާކޮށްފައެވެ.
ހަކީމް ވިދާޅުވީ މުޒާހަރާ ކުރި ދުވަހަކީ އެރަށަށް މިނިސްޓްރީގެ ބޭފުޅުން ވަޑައިގަންނަވަން އޮތް ދުވަސް ނަމަވެސް ދަތުރު ލަސްވީކަމަށެވެ. އަދި މުޒާހަރާ ކުރި ރޭގެ އަނެއް ދުވަހު އުނގޫފާރު ހޮސްޕިޓަލުން އޮފިޝަލުން އެރަށަށް ގޮސް ހައި ރިސްކް މީހުން ބަލައި ޗެކްއަޕް ހަދައިފައިވާ ކަމަށެވެ.
"އޭގެ އަނެއް ދުވަހު އުނގޫފާރު ހޮސްޕިޓަލުން އޮފިޝަލުން އައިސް ހައި ރިސްކް މީހުންގެ ބަލައި ޗެކްއަޕް ހަދައިފައި ވަނީ. އަނެއްކާ މިއަދު ވެސް އެ ހޮސްޕިޓަލުގެ އޮފިޝަލުން ވަޑައިގެން އެމަސައްކަތް ކުރިއަށް އެބަ ގެންދޭ. މިނިސްޓްރީގެ ފަރާތުން ވެސް ދެ ބޭފުޅުން މިހާރު އައިސް އެބަ އުޅުއްވާ" ހަކީމް ވިދާޅުވިއެވެ.
ހަކީމް ވިދާޅުވީ މިހާރު އެރަށަށް ޕޯޓަބަލް ވެންޓިލޭޓަރެއް ވެސް ލިިބިފައިވާ ކަމަށާއި އަދި އަވަސް މުސްތަގުބަލެއްގައި ދާއިމީކޮށް ވެންޓިލޭޓަރުގެ ހިދުމަތް ވެސް އެރަށު ސިއްހީ މަރުކަޒުން ލިބިގެން ދާނެކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަކީމް ވިދާޅުވީ ދުވާފަރަކީ އާބާދީ ބޮޑު ރަށެއް ނަމަވެސް އާބާދީއާއި އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތް ކަމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒަކީ ލެވަލްގެ ގޮތުން ގައިނީ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ވެސް ހުންނަން ޖެހޭ ހޮސްޕިޓަލެއް ނަމަވެސް އެހިދުމަތްތައް ވެސް ނުލިބޭކަމަށެވެ.