ސަމާލުވޭ! ކުޑަކުދިންގެ ކާތަކެތި އެޅުމަށް ބޭނުން ނުކުރަންވީ ދެ ތަށި!

ކުޑަކުދިންގެ ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ “މުޝީ” ބްރޭންޑްގެ “ސިލިކޯން ސަކްޝަން ޕްލޭޓް”އާއި “ސިލިކޯން ސެނެޕް ކަޕް” ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަންގައިފިއެވެ.
އެފްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ.
އަދި މި ބާވަތް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށާއި، އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް މިންވަރު ބަލަމުން ގެންދާކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.
ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ‘މުޝީ’ ބްރޭންޑުގެ “ސިލިކޯން ސަކްޝަން ޕްލޭޓް” އަދި “ސިލިކޯން ސެނެޕް ކަޕް” ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އެ އޮތޯރެޓީން އަންގައެވެ.