ކުޅުދުއްފުށި ސިޓީގެ ހާލަތު ގޯސްވަމުންދާތީ އިތުރު ފިޔަވަޅުތައް އަޅައިފި
ކޮވިޑް-19ގެ އިތުރު ވޭދަނަތައް ފެންނަމުންދާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ސިޓީގައި ކޮވިޑް19 ފައްސި ވޭދަނަތައް ގިނަވަމުންދާ މި ދަނޑިވަޅުގައި ހުރިހާ އެސިޓީގެ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކަމާ ގުޅުންހުރި އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ މާސްކު ބޭނުން ކުރުން އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް މާސްކު އެޅުމާއި ޕާކުތަކާއި އާންމު އެންމެހާ ތަނެއް ބަންދު ކުރެވިފައިވާތީ މިފަދަ ތަންތަނަށް ނުދިއުން ހިމެނެއެވެ.
މީގެ އިތުރުން މޫދު އެރޭ ސަރަހައްދާއި މޫދަށް ގްރޫޕް ހަދައިގެން ނުދިއުމާއި މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި ކަރަންޓީންގައި ތިއްބަވާ ފަރާތްތަކުން ކަރަންޓީންގެ އުސޫލުތަކަށް ތަބާވުން ހިމެނެއެވެ.
ކުޅުދުއްފުށީ ސިިޓީގައި މިވަގުތު ވެސް ކޮވިޑް-19 ގެ 51 ހަރަކާތެރި ވޭދަނަ އެބައޮތްކަމަށް ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލުން އެންމެ ފަހުން އާއްމުކޮށްފައިވާ އަދާހަމަތަކުން ދައްކައެވެ. އަދި އަލަށް 7 މީހަކަށް ބަލިޖެހިފައިވާއިރު މީގެ ކުރިން ވެސް އެސިޓީ ވަނީ މޮނިޓަރިންއަށް ލައިފައެވެ.