ނޫމަޑި މައްސަލައިގައި މޭޔަރު މުޢިއްޒުއަށް ކުރާ ދައުވާގެ ޝަރީޢަތް މާދަމާ
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ހައުސިންގް މިނިސްޓަރގެ މައްޗަށް އުފުލައިފައިވާ މި ދައުވާގައި މާދަމާ އޮތީ އިބްތިދާއީ އަޑު އެހުމެކެވެ. އަޑުއެހުން އޮތީ މާދަމާ ހެނދުނު 10:30ގައެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، 2019 ޖޫން 25 ގައި ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލައިގައި ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށާއި ހައުސިން ޔުނިޓް މަޝްރޫއުއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށެވެ.
މޭޔަރު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށި މާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ. އެހެންވެ އެމަނިކުފާގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ބ)ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ ކަމަށެވެ.
ތިޔަފެށެނީ އަޞްލު މޭޔަރު ކަމުގެ ފުރަތަމަ ފިޔަވަހި.