ޚަބަރު

މޮނިޓަރިންއަށް ލާ ރަށްރަށް އިތުރު ވަނީ، އަނެއްކާ ވެސް ބިރުވެރި ކަމަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ "ނިއު ނޯމަލް" އަކަށް ދެވިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިއުލާނުކޮށްފައި ވަނިކޮށް މޮނިޓަރިންއަށް ލާ ރަށްރަށުގެ އަދަދު އިތުރުވާން ފަށައިފިއެވެ.

Ads by STELCO

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައި މައުލޫމާތުތަކަށް ބަލާލާއިރު އިއްޔެ އިރުއޮއްސި 6:30އާ ހަމައަށް 17 ރަށެއް ވަނީ މޮނިޓަރިންއަށް ލައިފައެވެެ. މި ގޮތުން މޮނިޓަރިންއަށް ލާފައި އޮންނަތާ އެންމެ ގިނަ ދުވަސް ވެފައިވަނީ ޏ. ފުވައްމުލަކެވެ. ފުވައްމުލަކު ސިޓީ މޮނިޓަރިންއަށް ލައިފައި ވަނީ މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައި ވަނީ އިއްޔެ މޮނިޓަރިންއަށް ލީ އއ. ހިމަންދޫއެވެ.

ހިމަންދޫއާ އެކު އިއްޔެ ވަނީ ޖުމްލަ 3 ރަށެއް މޮނިޓަރިންއަށް ލައިފައެވެ. އެއީ ލ. ގަމާއި ލ. ފޮނަދޫއެވެ. މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ވެސް 3 ރަށެއް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އެއީ ށ.ފޯކައިދޫ ގދ. ނަޑައްލާ އަދި ކ.ކާށިދޫއެވެ.

ފުވައްމުލަކަށް ފަހު އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރިންއަށް ލައިފައި ވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާލާއިރު މިމަހުގެ މިހާތަނަށް 5 ރަށެއް މޮނިޓަރިންއަށް ލައިފައެވެ. އެއީ އިއްޔެ މޮނިޓަރިންއަށް ލީ 3 ރަށުގެ އިތުރުން މިމަހުގެ 1 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ގއ. ވިލިގިއްޔާއި 2 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ރ. އުނގޫފާރެވެ.

މީވަގުތު މޮނިޓަރިންއަށް ލައިފައިވާ އިތުރު ރަށްރަށަށް ބަލާލާއިރު ގއ. ކޫއްޑޫ، ކުޅުދުއްފުށީ ސިޓީ، ހއ. ދިއްދޫ، މ ކޮޅުފުށި، ށ،ފީވައް، ހއ.ތަކަންދޫގެ އިތުރުން ދ ކުޑަހުވަދޫ ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!