ތަހުޤީޤު އިދާރާތަކަށް ޔާމީން ހާޒިރުކުރަނީ ސިޔާސީގޮތުން ގޯނާ ކުރުމަށް:ވަކީލުން
ރައީސް ޔާމީންގެ މައްޗަށް އެކިއެކި ތަހުޤީޤު އިދާރާތައް މެދުވެރިކޮށް، އަސްލެއް ނެރް ތުހުމަތުތައް އުފައްދައިފައިވާ ކަމަށާއި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް އެ މަނިކުފާނު ޙާޒިރު ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށްކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފައިފައިވާ، ވާދަވެރި ސިޔާސީ ފަރާތްތައް، އަޑީގައި ތިބެގެން އެކިއެކި ތަހުޤީޤު އިދާރާތައް މެދުވެރިކޮށް، އަސްލެއް ނެތް ތުހުމަތުތައް އުފައްދައިފައިވާ ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހްޤީޤް އިދާރާތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ޤާނޫނާއި ޚިލާފު ޢަމަލުތަކުގައި ބައިވެރިވުމަކީ އެފަރާތްތަކުގެ ޢަމަލުތަކަށް މުސްތަޤްބަލުގައި ޒިންމާނަގަން ޖެހޭނެ ޢަމަލުތަކެއްކަމުގައި ހަނދާންކޮށްދޭ ކަމަށް ވެސް މިބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަރު ކޮމިޝަނަށް އެ މަނިކުފާނު ހާޒިރުކުރުމުން ހަނު ހުންނެވިކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ހަގީގަތާ ހިލާފުވާހަކަތަކެއްކަމަށް ވެސް މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
"މަރައިލައިފައިވާ މީހުންނާއި، ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނަށް، 2021 އޮގަސްޓް 03 ދުވަހުގެ 14:00އަށް ރައީސް ޔާމީން ހާޒިރުކޮށް، ސުވާލު ކުރެވުނު މައްސަލައިގައި، އެ މަނިކުފާނުގެ މައްޗަށް ކޮމިޝަނުން ކުރާ ތުހުމަތަށް އެ މަނިކުފާނު ވަނީ އިންކާރު ކުރައްވައިފައެވެ. އަދި، އެމަނިކުފާނު، އެ ކޮމިޝަނަށް ޙާޟިރުކޮށްފައި ވަނީ އެއްވެސް ހާލެއްގައި ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެނެއް ނޫނެވެ." އެބަޔާނުގައި ވެއެވެ.
ހަމަ އެހެންމެ އެ މަނިކުފާނާ ދެކޮޅަށް އެ ކޮމިޝަނުން ކުރާ ތުހުމަތުތަކަކީ، ރިޝްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވައިލި މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށްވާ ނަމަވެސް، އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސް އަޅުއްވަން އެ މަނިކުފާނު ކުރެއްވީ ކޮންކަމެއް ކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ފާހަގަ ކުރައްވައިފައި ވެއެވެ.
"ޖުމުލަ ގޮތެއްގައި މުޅި ތުހުމަތަށް އެ މަނިކުފާނު އިންކާރުކުރައްވާ ކަމަށާއި، އަދި އެ މައްސަލައިގައި އިތުރަށް ކޮމިޝަނަށް ދޭން ޖެހޭ މައުލޫމާތެއް ނުވަތަ ދައްކަން ޖެހޭ ވާހަކައެއް ނެތްކަމުގައި ކޮމިޝަނުގެ ތަހުޤީޤުގައި ވަނީ ދަންނަވައިފައެވެ." ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ގެއްލުވައިލައިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރުމުން އެ މަނިކުފާނު ހުންނެވީ ހަނުކަމަށް އެ ކޮމިޝަނުން ވަނީ އިއްޔެ ވިދާޅުވެފައެވެ.