މައުމޫން ދެއްވި ބޮޑެތި ގެއްލުންތައް ވެސް ބެލެން ޖެހޭ: ދިޔާނާ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މީހުންނަށް ދެއްވާ ގެއްލުންތައް ވެސް ބެލެން ޖެހޭ ކަމަށާއި، އެ މަނިކުފާނު މީހުންނަށްދޭ ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަަމަށް ކުރީގެ ބަންޑާރަ ނައިބު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި ވަނީ، އެކަމަނާގެ ފިރިކަލުން އިއްޔެ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު، ކިނބިގަސްދޮށުގެއަށް ވަޑައިގެން އެތާންގައި ހަމަނުޖެހުން އުފެއްދި މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ.
އިއްޔެ ޖާބިރު ވަނީ މައުމޫން ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ވަޑައިގެން، އެގޭ ދޮރުމަތީގައި އޮތް މައު ވެލެއް ހަލާކުކޮށްލައްވައި ޖާބިރު ވިދާޅުވީ، "މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން" ކަމަށެވެ. އެގޮތަށް ޖާބިރު ކަންތައް ކުރައްވައިފައި ވަނީ، އޭނާ އަތުން ރައީސް މައުމޫން ނެންގެވި ކަމަށް ބުނާ 29 މިލިޔަން ރުފިޔާާ އަނބުރާ ނުދެއްވުމުން ކަމަށް ޖާބިރު "ދެން"އަށް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިއަދު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރު މައުމޫންގެ ގެކޮޅަށް ގެއްލުން ދެއްވި މައްސަލަ ވެސް ބައްލަވަންވާނެ ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާއިރު، ރައީސް މައުމޫން ޖާބިރުއަށް ދެއްވި ގެއްލުމުގެ މައްސަލަ ބައްލަވަން ވެސް އެކަމަނާ ގޮވައިލެއްވިއެވެ.
ދިޔާނާ ވިދާޅުވީ، ފުލުހުންނަށް އެމައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި މައުމޫނަށް ލިބިވަޑައިގަންނަވާ ގެއްލުން ބެލޭނެ ގޮތް އޮވެފައި، މައުމޫން މީހުންނަށް ދެއްވާ ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ގެ މެމްބަރު ދިޔާނާ ސައީދު