ދެ ދުވަސްފަހުން ގަން މޮނިޓަރިންއިން ނަގައިފި

މޮނިޓަރިންގެ ހާލަތަށް ގެނައިތާ ދެ ދުވަސްފަހުން ލ.ގަމުގެ މޮނިޓަރިންގެ ހާލަތު އުވައިލައިފިއެވެ.
އެޗްޕީއޭއިން ގަން އަދި ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހު 3 ވަނަ ދުވަހުއެވެ. އެ ދެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ ގަމާ އެއްފަސްކޮށް އޮންނަ ފޮނަދޫން ކޮވިޑް-19 ވޭދަނައެއް ފެނުމާ ގުޅިގެންނެވެ.
ގަން މޮނިޓަރިންގެ ހާލަތުން ނެގުމުގެ ކުރީން އިއްޔެ އެ ރަށުން ވަނީ ވަކި ތަރުތީބެއް ނެތި ސުންކު ނަގައިފައެވެ. ރަށް މޮނިޓަރިންގެ ހާލަތުން ނަގައިފައި ވަނީ އެ ސުންކުތަކުގެ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމެއް އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. މީގެ ކުރިން ގަން އަދި ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ލަނީ އަދި އެ ހާލަތުން ވިއްލަނީ ވެސް އެއްކޮށެވެ. މިހާތަނަށް މި ދެ ރަށް ތިން ފަހަރަށް މޮނިޓަރިންގެ ހާލަތަށް ލައިފައިވެއެވެ.