ރިޒޯޓްތަކުގައި މަސައްކަތް ކުރާ 91އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފި

ރާއްޖޭގެ ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 91އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފިއެވެ.
ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ޖުމްލަ 157 ރިޒޯޓެއް އޮތްއިރު ދިހަ ރިޒޯޓެއް ފިޔަވައި ހުރިހާ ރިޒޯޓެއްގެ ހުރިހާ މުވައްޒަފުން ވަނީ ވެކްސިނުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ. އެގޮތުން 147 ރިޒޯޓެއްގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައި މިވަނީ ހަ މަސް ދުވަހުން ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ރިޒޯޓް މުވައްޒަފުންގެ ގޮތުގައި 41470 މުވައްޒަފުން މަސައްކަތްކުރާއިރު އޭގެ ތެރެއިން 37776 މުވައްޒަފުން ވަނީ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 40407 މުވައްޒަފުން ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށާއި ދުނިޔޭން ވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި ކެމްޕެއިނެއް ވެސް މިދިޔަ އޭޕްރިލް މަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ފަށައިފައެވެ.
ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ކޮވިޑް-19 ވެކްސިން ޖަހައިފައިވާ ބަޔަކަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންއިންނާއި ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ރާއްޖޭގެ ކޮވިޑް-19ގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަ ކުރައްވައިފައެވެ. އަދި މިހާރު އެންމެ މުހިންމީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށާއި ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިން ޖަހައި ނިންމުމަށް ބާރު އަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް މިމަހުގެ 3 ވަނަ ދުވަހު ރައީސް ޞާލިޙް ވަނީ އެދިވަޑައިގަންނަވައިފައެވެ.