އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިން ، ދިވެހި ހަތް ފުލުހަކު ފުރިހަމަކޮށްފި

އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ހަތް ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ.
އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު، އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައެވެ.
މިއަދު ކޯސް ނިންމި ހަތް ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނާޒިމް ވަނީ ޓްރޮފީ ފޮރ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިންގއިން ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފައެވެ.

މިއަދު ކޯސްނިންމި ހަތް ފުލުހުންނަކީ މިހައި ތަނަށް ފޭސް 2 ފުރިހަމަ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުންނެވެ.
އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫން ވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދިވެހިރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުން ވެސް ވަނީ މި ތަމްރީނު ހަދާފައެވެ.
އައިޕީއެސް ޓްރެއިނިންގެ 73ވަނަ ބެޗުގައި މިހާރު ވެސް ހަތަރު ފުލުހަކު ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.