ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ބޮޑު ފާފައެއް ކުރެވުމުން ގަތް ލަދުން އަނބިމީހާ ވަރިކުރި މީހެއްގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ޙަޤީޤަތުގައި އަހަންނަށް މިކަން ދިމާވީ އަހަރެންގެ މޮޔަކަމުންނެވެ. ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއްގައި އުޅެމުން އެ ދިރިއުޅުން ނަގައިލެވުނީ އަންހެނެއްގެ އަވައިގައި ޖެހިގެންނެވެ. މަސްތު ވަނީ ހަމައެކަނި މަސްތުވާ ތަކެތިން އެކަންޏެއް ނޫންކަން އެނގުނީ މި ކަންތައްގަނޑު ދިމާވި ފަހުންނެވެ.

އަހަންނާއި އަހަރެންގެ އަންހެނުން އުޅުނީ ވަރަށް ވެސް ހަމަޖެހޭ ދިރިއުޅުމެއްގައެވެ. އަހަރެމެން ދެ މީހުންނަކީ ވެސް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ދެ މީހުން ކަމަށް ވާތީ، މާލެއިން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. ކައިވެންޏަށް ތިން އަހަރު ފުރިފައިވާއިރު ދަރިއެއް ހޯދުމުގެ ޚިޔާލު ދެމީހުން ވެސް ނުކުރާތީ، އަހަރުމެންގެ ދިރިއުޅުން ހޭދަކުރީ އެކަކު އަނެކަކާ އެކު އުފާ ކުރުމާއި މަޖާ ކުރުމުގައެވެ. ނުހަނު ލޯބިންނެވެ.

އަހަރުމެންގެ ދިރިއުޅުން ބަދަލުވީ، ވަޒީފާގެ ކަމެއްގައި އަތޮޅުތެރޭ ރަށަކަށް އަހަންނަށް ދާން ޖެހުނު ހިސާބުންނެވެ. ކުރިން ވެސް އަންހެނުން ބަހައްޓައިފައި އެކި ރަށްރަށަށް ދާން ޖެހުނު ކަމުގައިވީ ނަމަވެސް، އެފަހަރު އަހަންނަށް ދާން ޖެހުނީ ތަންކޮޅެއް ގިނަ ދުވަހަށެވެ. އެއް މަސް ދުވަސް ވަންދެން އަހަންނަށް އަންހެނުން ނުފެންނާނެތީ، އަހަރެން ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް އެނޫން ގޮތެއް އެ ވަގުތު ނެތުމުން އަހަރެން ފުރައިގެން ދިޔައީއެވެ.

އެރަށަށް ގޮސް މަޑުކުރި ގޭގައި ފުރަތަމަކޮޅު އަހަރެން ވަރަށް ފޫހިވިއެވެ. ނަމަވެސް އަހަންނަކީ އެއްވެސް ތަނެއްގައި އެހެން މަޑުން ހުންނަ މީހަކަށް ނުވާތީ މާގިނައިރުތަކެއް ނުވެ ވަރަށް އަވަހަށް އެންމެންނާ ވެސް ގުޅެން ފެށިއެވެ. އެ ގޭގައި ދެން އުޅެނީ ދެ ފިރިހެނުންނާއި އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަކީ އެ ދެ ފިރިހެނުންގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. އެ ދުވަހެއްގެ މަސައްކަތް ނިންމުމަށް ފަހު، އަނބިމީހާއަށް ގުޅައިލައި ވާހަކަ ދެއްކުމަށް ފަހު ދެން އަހަންނަށް ލިބޭ ހުސް ވަގުތު ހޭދަ ކުރަނީ އެމީހުންނާ އެކު މަޖާ ކުރުމުގައެވެ. ޑިގު ކުޅުމާއި ކެރަމް ކުޅުން، ނޫން ނަމަ ރަށު ތެރޭގައި ބުރު ޖަހައިލަން ގޮސް ކޮފީއަށް ދިޔުމުގައެވެ.

އެހެން ބުރު ޖަހަން ދިޔުމުގައި ބައެއް ފަހަރު އެ އަންހެން ކުއްޖާ އަހަރެންގެ ސައިކަލު ފަހަތަށް އަރައެވެ. އެއީ އަހަރެންގެ ރަޙްމަތްތެރިންގެ ކޮއްކޮއަކަށް ވާތީ، އެކަމާ އަހަރެން އެހާ އަޅައެއް ނުލަމެވެ. ނަމަވެސް ފަހަކަށް އައިސް އެ އަންހެން ކުއްޖާ އަހަންނާ މާބޮޑަށް ގާތްވާން އުޅޭކަން އަހަންނަށް ފާހަގަ ވިއެވެ. ސައިކަލުގައި އިންނައިރު ވެސް އިންނަނީ އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. އެކަމާ އަހަރެން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް، އެއީ އެވަރު ކަމަކަށް ހަދާކަށް ނުވާނޭ ހިތަށް އަރައިފައި އެއްޗެކޭ ނުބުނަމެވެ.

އެއްރެއެއްގެ ދަންވަރެވެ. ފިލްމެއް ބަލަން ތިއްބާ އަހަރުމެން އެންމެންނަށް ތިބީ ނިދިފައެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ގައިގާ މީހަކު މާބޮޑަށް ޖެހޭހެން ހީވެގެންނެވެ. ހޭލެވިގެން ބަލައިލިއިރު އެ އަންހެން ކުއްޖާ އޮތީ އަހަންނާ މާ ބޮޑަށް ގާތްވެގެންނެވެ. ފުންމައިގެން ތެދުވެ އަވަހަށް އަހަރެން ކޮޓަރިއަށް ދިޔައިމެވެ. ނަމަވެސް އެ ވަރުން އޭނާގެ ކިބައަކުން ސަލާމަތެއް ނުވިއެވެ. އަހަރެންގެ ފަހަތުން ކޮޓަރިއަށް ވަދެ ގޮތްގޮތަށް އުޅެން ފެށިއެވެ. އެހެން ނޫޅޭށޭ އަހަންނަކީ މީހެއްގެ ވަފާތެރި ފިރިއެކޭ ބުނުމުން ވެސް އަޑެއް ނޭހިއެވެ. އެންމެ ފަހުން އަހަރެންގެ ޙަޔާތުގައި ކުރެވުނު އެންމެ ބޮޑު ކުށް، އެންމެ ބޮޑު ފާފަ، އަހަންނަށް ކުރެވުނެވެ.

އޭގެ ފަހުން އަހަރެން ހުރީ ވަރަށް ބޮޑު ނުތަނަސްކަމެއްގެ ތެރޭގައެވެ. ކުރެވުނު ކަންތަކާ މެދު އަބަދުމެ ދެރަވެ ހިތާމަ ކުރެވެއެވެ. އަނބިމީހާއަށް ގުޅާނެ ހިތްވަރެއް ވެސް ނުލިބެއެވެ. އަހަރެން ބޭނުންވީ ވީހާ ވެސް އަވަހަކަށް އެ ރަށުން ފުރައިގެން މާލެ ދާށެވެ. އެެހެންކަމުން އޭގެ ދެ ދުވަސް ފަހުން އަހަރެން އެނބުރި މާލެ ދިޔައީމެވެ. އަހަރެން ފެނުމުން އަނބިމީހާ ވަރަށް އުފާވިއެވެ. ނަމަވެސް، އޭނާ ފެނުމުން އަހަރެން ވީ އިތުރަށް ދެރައެވެ. އަދި ބުނެދޭން ނޭނގޭހާ ވަރަށް ލަދު ވެސް ގަތެވެ. އޭނާއާ ހަތަރު ކަޅި ހަމަ ކުރަން ވެސް ނުކެރިގެން ގިނައިން ބޭރުގައި އުޅެން ފެށީމެވެ. ކުރެވުނު ކަންތަކަށް ތަޢުބާވީ ނަމަވެސް، އަނބިމީހާގެ ކުރިމައްޗަށް އަރައި، ކަންތައްވީ ގޮތް އޭނާއަށް ކިޔައިދޭކަށް ނުކެރުނެވެ.

އަނބިމީހާއަށް ވެސް ޝައްކުތަކެއް ވާން ފެށިއެވެ. އަދި އަހަންނާ އެކިއެކި ސުވާލު ކޮށް، ޝަކުވާ ކުރަން ފެށިއެވެ. ގެއިން ބޭރުގައި ގިނަ ވަގުތު އުޅެ، އޭނާއަށް ވަގުތު ނުދޭތީ، ޝައްކު ވެސް ކުރަން ފެށިއެވެ. އަހަރެންގެ ހިތަށާއި ބޮލަށް ކެތްވާވަރެއް ނުވިއެވެ. އޭނާއަށް ކަމުގެ ޙަޤީޤަތް ކިޔައިދޭނެހާ ހިތްވަރެއް ނުލިބުނެވެ. އަދި އޭނާ އެހެން ބަހައްޓައިގެން ވެސް މިދެވެނީ އޭނާއަށް ދެރައެކޭ ހިތަށް އަރައި، އަހަރެން އޭނާ މިނިވަން ކުރީމެވެ.

އަނބިމީހާ ވަރަށް ރުޔެވެ. ނަމަވެސް އޭނާ ފޮނުވައި ނުލާށޭ ބުނެ އާދޭހެއް ނުކުރެއެވެ. ރޮއެރޮއެފައި އޭނާގެ ބައެއް އެއްޗެހި ހިފައިގެން ދިޔައީއެވެ. އޭގެ ފަހުން އަހަންނަށް ހީވަނީ ފައިދަށުން ބިންގަނޑު ދެމިގެން ގޮސްފައިވާހެންނެވެ. ޙަޔާތުން ވަރަށް ބޮޑު ބައެއް މިވަނީ އުނިވެފައެވެ.

އަހަރުމެންގެ ކައިވެނި ރޫޅިގެން އަދި އިއްދައިގެ ދުވަސް ހަމަ ނުވާތީ، އަނބިމީހާ އަލުން އަނބުރާ ގެންނަން އަހަރެން ބޭނުންވެއެވެ. މިކަންތައް ޙައްލުކޮށް، އޭނާއާ އެކު އުފާވެރި ޒަވާޖީ ޙަޔާތެއް އުމުރު ދުވަހަށް ހޭދަ ކުރަން އަހަރެން ބޭނުމެވެ. އެ ރަށުގައި ކަންތައް ވީގޮތް އަހަރެން ފަހުން އޭނާއަށް ކިޔައިދީފީމެވެ. ނަމަވެސް އެކަމުގައި އޭނާ އަހަރެން ކުށްވެރި ކުރެއެވެ. އަދި އަހަންނަށް މާފެއް ވެސް ނުކުރެއެވެ. އޭނާ އަހަންނަށް މާފުކޮށް، އަހަންނާ އެކު އަލުން އުޅޭނެ ގޮތެއް ހޯދަން އަހަރެން ބޭނުމެވެ. މިކަމުގައި އަހަރެން ދެން ކަންތައް ކުރަންވީ ގޮތާ މެދު ޚިޔާލެއް ބޭނުމެވެ."

Ads by Ooredoo
  1. މުދިންބެ

    ތިކަހަލަ ފިރިހެނުންގެ ގޮތްއެއީ.ތަނަކުން ރީތި އަންހެން ކުއްޖެއް ފެނިއްޖިޔާ ހުންނާނީ ބޭނުންކުރަންވެފާ.ތިޔައީ ހަމަ ފައްކާ ގިތެލެއް.

  2. ސައްލޭ

    އޭނާ މާފު ނުކުރިއަސް ތައުބާވެ ރަގަޅަށް އުޅުމަށް ފެނެއެވެ.

    • ާއަލީ

      ތިކަމުގެހައްލަކީ ދިލްކިޔާކަރޭ ފިލްމުބަލައިލުންް

  3. ރަޒީން

    ތިޔައީ ހުސް ދޮގު. ތިޔަކަމެއް ކުރީ ތިޔަ ދަތުރުގައި އޮފީސް ތެރޭގައި އަދި ގަވާއިދުން ތިބުނާ ކުއްޖާ މާލެ ގެންގޮސްގެން ގަވާއިދުން ތިކަމެއް ކުރަމުން ގެންދިޔައީ.

    • ެހީވީ

      ގަވާއިދުންކަންކަން ކުރީމަ އެކަމުގައި އެއްވެސް ގޯހެއް ނޯންނާނެ.

      ގޯސް އޮންނާނީ ނުގަވާއިދުން ކަންކަން ކުރުމުން.

  4. ަޟަމީރު

    1 މަސް. ޢަންހެނަކު ހަމަ ގައިގަ ހޭކިލާއިރަށް މަގުއޮޅެން ޖެހޭތަ؟ ޙޭކެން ފުރުސަތުވެސް ދިނީ އަމިއްލައަށް ދޯ.

  5. އަސްމި

    މާފު ނުކުރާނެ އެހެންވެ ބުނަނީ ސިއްރު ސިއްރެއްގެގޮތުގައި ބާއްވަން.

    • މަންޖެ

      ތިޔަ ބުނީ ތެދު ކަމަށް ވަންޏާ ދުޢާ ކުރޭ އެފަރާތުން ރަނގަޅު ގޮތް ދައްކަވާނެ

  6. ނުރުހުން

    ވަރިނުކޮއް ކިޔާދެން ނޭނގުންދޯ