މިއަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި، މަރުހަބާ!

ދެކުނު އޭޝިއާގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމުގައިވާ "ސާފް ޗެމްޕިއަންޝިޕް" ރާއްޖޭގައި ބާއްވަން ކުރި ބިޑް ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ސާފް ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެއަށް ބިޑް ކާމިޔާބުވެއްޖެކަން ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި މުބާރާތް ބާއްވަން ކަނޑައަޅައިފައި އޮތް ތާރީހަކީ އޮކްޓޯބަރު 1އިން 13އަށް ކަމަށް ވެސް މެމްބަރުން ވަނީ ހާމަ ކޮށްފައެވެ.
ރާއްޖޭގައި ބާއްވާ ގޮތަށް ބިޑް ކާމިޔާބުވި މި މުބާރާތަކީ އެންމެ ފުރަތަމަ ބަނގްލަދޭޝްގައި މިދިޔަ އަހަރު ބާއްވަން ނިންމި މުބާރާތެކެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީއެވެ.
ބަނގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ކުރިން ނިންމި ކަމުގައި ވިޔަސް، އެ ޤައުމުގައި މި އަހަރު މި މުބާރާތް ބޭއްވެން ނެތިގެން މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުވައިލިއެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާއާއި ނޭޕާލުންނެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ އެފްއޭއެމްއިން ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވައިލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފައެވެ.