ރައީސްގެ އިސްތިއުފާއަށް މެންބަރުން ގޮވުން ބޮޑު ކަމަކަށް ހަދަން ޖެހޭ ކަމަކަށް ނުދެގެން: ރައީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްތިއުފާއަށް އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ހަދަން ޖެހޭ ކަމެއް ނޫން ކަމަަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފަދައިން މެންބަރުންނަށް ގޮވޭނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑިޕީއަކީ ވަރަށް ގިނަ ޚިޔާލުތަކުގެ މީހުން އުޅޭ، ބޮޑު ޕާޓީއެއް ކަމަށާއި އެހެންކަމުން ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް މި ފަދަ ކަންކަމަކީ މާބޮޑު ކަމަކަށް ހަދައިގެން ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ވަރަށް ބޮޑު ޕާޓީއެއް. ވަރަށް ތަފާތު ޚިޔާލުގެ މީހުން އެބަ އުޅޭ ޕާޓީގައި. އެހެންވީމަ ޑިމޮކްރަޓިކް ބޮޑު ޕާޓީއެއްގައި ބައެއް ފަހަރު ޚިޔާލު ތަފާތުވެގެން އެހެން ބައެއް ވާހަކަ ވިދާޅުވާނެ. އެއަކީއެއް މާ ބޮޑު ކަމަކަށް ހަދައިގެން އަޅުގަނޑު ނިކުމެ ޖަވާބުދާރީ ވާން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. ޑިމޮކްރަސީއެއް ފުރިހަމަ ވެގެން އަންނައިރު މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެހެން ނަމަވެސް އިތުރު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެމްޑީޕީގެ މެންބަރަކު ދެއްކެވި ވާހަކައާ ގުޅިގެން އެފަދަ ވާހަކަތައް ހުއްޓުވައިދިނުމަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭނގޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކަތައް ބައްލަވައި އެފަދަ ވާހަކަތައް ހުއްޓުވުމަށް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކިބައިން ދަންނަވާފައިވާނެ ކަމަށެވެ. އަދި ރައީސް ޞާލީހަކީ އެމްޑީޕީގެ މެންބަރެއްކަން އޮޅޭ ހިސާބަށް ނުދާ ކަމަށާއި އެ މަނިކުފާނަކީ އަބަދުވެސް އެމްޑީޕީގެ މެންބަރެއްކަަމަށް ވިދާޅުވިއެވެ.