ސަރުކާރު

ސަރުކާރުގެ އިދާރާތަކުގެ ޚާއްޞަ ޑިރެކްޓަރީއެއް ތަޢާރަފުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދައުލަތުގެ އޮފީސްތަކުގެ ސައްހަ މައުލޫމާތު އެއް މަންސައަކުން އާންމުންނަށް ފޯރުކޮށްދީ ސަރުކާރުގެ ހިންގުން އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ދައުލަތުގެ މުއައްސަސާތަކުގެ ޚާއްޞަ ވެބްސައިޓަކާ އެކު އައު ޑިރެކްޓަރީއެއް އިފްތިތާޙުކޮށްފިއެވެ.

"މޯލްޑިވްސް 2.0"ގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަރުމާކޮށްފައިވާ މި ޑިޖިޓަލް ޑިރެކްޓަރީގެ ސަބަބުން، ދައުލަތުގެ ނިޒާމު ހަރުދަނާވެ، އިދާރީ ހިންގުން އިތުރަށް ހާމަކަން ބޮޑުވެގެންދާނެއެވެ. ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އޮފީސްތަކުގެ މުހިންމު ތަފުސީލުތައް ހޯދުމަށް އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ މި ޚާއްޞަ ޕޯޓަލްގެ އެޑްރެހަކީ ޑިރެކްޓަރީ.ޕްރެޒިޑެންސީ.ގަވް.އެމްވީއެވެ.

މީގެ ފަހުން ސަރުކާރުގެ އެންމެހާ ރަސްމީ ލިޔެކިޔުންތަކާއި، ވެބްސައިޓުތަކުގެ އިތުރުން މީސްމީޑިއާގެ މަންސަތަކާއި ޑޭޓާބޭސްތަކުގައި ވެސް ދައުލަތުގެ އިދާރާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރަން ވާނީ ހަމައެކަނި މި ޑިރެކްޓަރީގައި ކަނޑައަޅާފައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ އަންގަވާފައެވެ. މިއީ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ އެއްގޮތް މިންގަނޑެއް ގެންގުޅުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ޕޯޓަލްގައިވާ މައުލޫމާތުތައް އަބަދުވެސް އެންމެ ފަހުގެ ގޮތަށް ބެހެއްޓުމަށްޓަކައި ޚާއްޞަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އިދާރާއެއްގެ އެންމެ އިސްވެރިޔަކު ބަދަލުވުން ނުވަތަ އޮފީހުގެ އެޑްރެހާއި ގުޅޭނެ ނަންބަރު އަދި މީސްމީޑިއާ ލިންކުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެކަމެއް ރައީސް އޮފީހަށް އެންގުމަށް ޚާއްޞަ ފޯމެއް އަދި އީމެއިލްގެ އިންތިޒާމު މި ވެބްސައިޓު މެދުވެރިކޮށް ހަމަޖައްސާފައިވެއެވެ.

Ads by Ooredoo