ޚަބަރު އިޖުތިމާޢީ

ސުކޫލު ނިމުނު ދަރިވަރުންނަށް ވެކްސިންދޭނީ ކިޔެވި ސުކޫލުން: ޑރ.ނަޒްލާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ، ސުކޫލު ނިމުނު ދަރިވަރުންނަށް ވެކްސިން ދޭނީ އެ ދަރިވަރަކު ނިމުނު ސުކޫލަކުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްއީއޯސީގެ ފަރާތުން މީޑިޔާކާ ގުޅިގެން ކުރިއަށް ގެންދާ "ހާލު ބެލުން" ޕްރޮގްރާމްގެ ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުވަހު ވެކްސިން ޖަހާނީ މާލެއާއި ބައެއް ރަށްރަށުގައި ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާ ތެރޭ ހުރިހާ ރަށަކަށް ވެސް ވެކްސިން ފޯރުކޮށްދެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިންޖެހުމަށް ޓަކަައި ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި ސްކޫލް ދަރިވަރުންގެ ބެލެނިވެރިންނަށް ވެކްސިންއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފަށައިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މީހުން ތަމްރީނުކުރަމުން ދާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުކޫލު ނިމިފައިވާ ދަރިވަރުންނަށް ވެކްސިންދޭނީ އެ ދަރިވަރަކު ކިޔެވި ސުކޫލަކުން ކަމަށާއި އެ ކުދިންނަށް ވެކްސިން ދިނުމަށް އަންގާނީ ކިޔެވި ސްކޫލްގެ ފަރާތުންކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"އެންގީމަ އެ ޕޮއިންޓްމަންޓް އުސޫލުން މާލެ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ. ރަށްރަށުގަ ސްކޫލްތަކުން ކުދިންނަށް އެންގީމަ އެރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހޭނެ." 12 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންގެ ތެރެއިން ސުކޫލު ނިންމި ދަރިވަރުންނަށް ވެކްސިން ދޭނެ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވާ ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ސަރުކާރުން ފަށައިފައިވާއިރު ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތު އުސޫލަކުން އަމަލު ކުރުމުގެ އުސޫލެއް ވެސް އެޗްޕީއޭއިން ވަނީ އެކުލަވައިލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!