ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކުރުން ހުއްޓުވުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި
ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މި އޮގަސްޓު މަހުގެ 14 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްް ޑިޕާޓްމަންޓާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އިތުރުން ނެއިބަރ ހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށް ފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވި ނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށް ފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އޭގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާ އެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭ ނަމަ ލަސްނުކޮށް ފުލުުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ފިހާރަތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުމަށް މައުލޫމާތު ހިމެނޭ ސްޓިކާއެއް ޒިޔާރަތް ކުރެވުނު ކޮންމެ ފިހާރައެއްގައި ވެސް ވަނީ ތަތްކޮށްފައެވެ.