ދުނިޔެ

ތާލިބާނުން ކާބުލް ވަށައިލައިފި: ސުލްްޙަވެރިކަމާ އެކު ބާރުތައް ބަދަލު ކުރުމުގެ މަޝަވަރާތައް ކުރިއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަފްގާނިސްތާނުގެ ވެރިކަން ތާލިބާނުގެ އަތް ދަށަށް ގެންދިޔުމަށް ހަނގުރާމަވެރިން އެ ޤައުމުގެ ވެރި ރަށް ކާބުލް ވަށައިލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި ތާލިބާން ހަނގުރާމަވެރިން ކާބުލް ވަށައިލުމުން، އެ ޤައުމުގެ ސަރުކާރުން މިހާރު ވިސްނަމުން ދަނީ ސުލްޙަވެރިކަމާ އެކު އަފްގާނިސްތާނުގެ ބާރުތައް ތާލިބާނުންނާ ހަވާލު ކުރުމަށެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ވެސް މިހާރު ސަރުކާރާއި ތާލިބާނާ ދެމެދު ފަށައިފައިވާ ކަމަށް ބޭރުގެ ޚަބަރުތަކުން ބުނެއެވެ.

ހަނގުރާމަވެރިން މިއަދު ކާބުލް ވަށައިލައިފައިވާ އިރު، ސުލްޙަވެރިކަމާ އެކު ބާރުތައް ދޭން އެއްބަސްވާނަމަ، އެއްވެސް ހަމަލާއެއް ނުދޭނެކަމަށް ތާލިބާނުން ވަނީ ވައުދުވެފައެވެ.

ތާލިބާނުގެ އިސްވެރިން ބުނެފައި ވަނީ އެއްވެސް ހަމަލާއެއް ނުދިނުމަށާއި ކާބުލް ދޫކޮށް ދާން އެދޭ ކޮންމެ މީހަކަށް އެކަމަށް މަގުފަހިކޮށް ދިނުމަށް ވެސް، އެ ގްރޫޕުގެ ހަނގުރާމަވެރީންނަށް އަމުރު ކޮށްފައިވާނެ ކަމަށެވެ.

"ބާރުތައް ބަދަލު ކުރެވެންދެން ކާބުލްގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ އޮންނާނީ އަފްގާނިސްތާނުގެ ސަރުކާރުގެ އަތްމަތީގައި" ތާލިބާނުން ކޮށްފައިވާ ޓްވީޓެއްގައިވެއެވެ.

ކާބުލްގައި ލޭ އޮހޮރުވުމަކަށް ނުދިޔުމަށް ޓަކައި، ބާރުތައް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އަފްގާނު ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމާ ގުޅޭގޮތުން އެކި ފަރާތްތަކުން އަންނަނީ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.

އެގޮތުން ބައެއް ރިޕޯޓުތަކުން މީގެ އެއް ގަޑިއިރު ކުރިން ބުނެފައި ވަނީ، ކާބުލްއަށް ހަނގުރާމަވެރިން އެރުމާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ފިއްލަވައިފި ކަމަށެވެ.

ނަމަވެސް ރައީސް ޣަނީއާ އަރިސް ބޭފުޅަކު ވަނީ އެ ޚަބަރުތައް ދޮގު ކުރައްވައި، އެމަނިކުފާނު ހުންނެވީ ފަސްޓްލޭޑީއާ އެކު އޭއާރްޖީ ޕްރެޒިޑެންޝަލް ޕެލެސްގައި ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!