ސަރުކާރު

ސަރުކާރުން އަޅާ ފްލެޓުތަކުގެ މަހު ކުލީގެ އަގުތައް ހާމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އެޕޯލޯ ހޯލްޑިންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ފަށައިފައިވާ 1،000 ހައުސިން ޔުނިޓުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަގުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އާންމުކޮށްފިއެވެ.

Ads by Hajj Corporation

ސަރުކާރުން އިއުލާނު ކުރި "ގެދޮރުވެރިޔާ ފްލެޓް" މަޝްރޫއުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންއާއި އެފޯޑަބަލް ހައުސިން އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓްތައްކަން އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރުގައި 1،000 ފްލެޓް އެޅުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 އަދި މިޑްރޭންޖް ހައުސިންގެ 660 ޔުނިޓެވެ.

އެޗްޑީސީން މިއަދު ވަނީ އެ 1،000 ހައުސިން ޔުނިޓުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަގުތައް ވެސް ހާމަ ކުރައްވާފައެވެ. އެއީ:

▪︎ކައުންސިލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 60 ޔުނިޓަކަށް ސަރުކާރުން ޓާގެޓް ކުރާ މަހު ކުއްޔަކީ 5،500 ރުފިޔާއަށެވެ.

▪︎ހައުސިން ހައުސިންގެ ތިން ކޮޓަރީގެ 800 އަކަފޫޓުގެ 60 ޔުނިޓެއްގެ ކުލި 7،000 ރުފިޔާއަށެވެ.

▪︎އެފޯޑަބަލް ހައުސިންގެ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 50 8،600 ރުފިޔާއަށެވެ. އަދި

▪︎ އެފޯޑަބަލް ހައުސިންގެ ތިން ކޮޓަރީގެ 900 އަކަފޫޓުގެ 170 ޔުނިޓެއްގެ ކުއްޔަކީ 13،000 ރުފިޔާއަށެވެ.

އެޗްޑީސީން މިއަދު އާންމުކުރި އަގުތަކުގެ ތެރޭގައި މިޑް ލެވެލް ހައުސިންގެ 750 އަކަފޫޓުގެ 160 ޔުނިޓާއި މިޑް ލެވެލް ހައުސިންގެ ތިން ކޮޓަރީގެ 1،000 އަކަފޫޓުގެ 500 ޔުނިޓަށް ސަރުކާރުން ޓާގެޓް ކުރާ ކުއްޔެއް އަދި ނެތެވެ.

"ގެދޮރުވެރިޔާ ފްލެޓް" މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންއަކީ ކައުންސިލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މިއީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑެލް އަށް ދެވޭ ޔުނިޓުތަކެކެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫޢުތަކާއި އަޅާބަލާއިރު ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެކެވެ. މިގޮތުން ޔުނިޓުތަކުގެ އަގު ނުވަތަ އިމާރާތް ކުރުމަށް ދާ ޚަރަދު ކަނޑައެޅިފައި ވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ކަނޑައަޅައިފައިވާ އަގުތަކަށް ވުރެން ނިސްބަތުން ކުޑަ ކުރެވިގެންނެވެ. މިގޮތުން ހިޔާ 7000 ހައުސިންގ ޔުނިޓުތަކާއި އަޅާބަލާ ނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު ވަނީ %27 ކުޑަ ކުރެވިފައެވެ.

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ހުރިކަން އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ.

Ads by Allied Insurance
  1. ސައީދު

    ކޮންއިރަކު ތޯ ތިޔަ ފްލެޓް ތައް އިއުލާންކުރަނީ