ޚަބަރު

ފުވައްމުލަކު ސިޓީގައި އަނެއްކާ ވެސް ކާފިއު އިއުލާނުކޮށް، މޮނީޓަރިންއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުވައްމުލަށް މަތިން ނަގާފައިވާ ފޮޓޯ އެއް.. ފޮޓޯ/ފުވައްމުލަށް ފޭސްބުކް ޕޭޖް

ފުވައްމުލަކު ސިޓީގައި އަނެއްކާވެސް ކާފިއު އިއުލާނުކޮށް، މޮނިޓަރިންއަށް ލައިފިއެވެ.

Ads by STELCO

އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުވައްމުލައް މޮނިޓަރިންނަށް ލައިފައިވާކަން އެޗްޕީއޭގެ ފަރާތުން ރޭ އަންގަވައިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ރަށު ތެރޭގައި އަޅައިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.އެގޮތުން ފުވައްމުލަކުގައި އަނެއްކާ ވެސް ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާ ކަމަށާއި، ރޭގަނޑު 9:00އިން ފަތިހު 4:00 އަށް ކާފިއު އިޢުލާނު ކޮށްފައިވާ ކަމަށް ވެސް މޭޔަރު ރަފީޤު ވިދާޅުވިއެވެ. އަދި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްތައް ބަންދުކޮށް، އެއް ގެއިން އަނެއް ގެޔަށް ނުދިއުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ ކަންކަން ވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރަފީޤް ވިދާޅުވިއެވެ. އެގޮތުން ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް %60އާ ގާތްކުރާ އަދަދަކަށް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންގެ %95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ފުވައްމުލަކުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދު 163 ގައި ހުރިއިރު، އެވަރެޖްކޮށް ދުވާލަކަށް 10އާއި 20 ދެމެދު މީހުން ބައްޔަށް ފައްސިވަމުންދާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!