އޭޝިއާ

ތާލިބާނުން ބޭނުންވަނީ އަފްގާންގެ ރައްޔިތުން މިއުޒިކާ ދުރުވާން، އާއްމު ތަންތާންގައި މިއުޒިކް މަނާ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ތާލިބާނުގެ ސަރުކާރުގެ އިސް ތަރުޖަމާނު ޒަބިހުއްﷲ މުޖާހިދު

ތާލިބާނުންގެ ބާރުގެ ދަށުގައި މިވަގުތު އޮތް އަފްގާނިސްތާނުގެ އާއްމު ތަންތަނުގައި މިއުޒިކް ކުޅުން މަނާވާނެ ކަމަށް ތާލިބާނުގެ ސަރުކާރުގެ އިސް ތަރުޖަމާނު ޒަބިހުއްﷲ މުޖާހިދު ވިދާޅުވެއްޖެއެވެ.

އަފްގާނިސްތާނުގެ ވެރިކަމާ ހަވާލިވި ފަހުން ހުޅަނގުގެ މީޑިއާއަށް ދިން ފުރަތަމަ އިންޓަރވިއުގައި މުޖާހިދު ވަނީ ހުޅަނގުގެ މީޑިއާތަކުން ފަތުރަމުންދާ ބައެއް ދޮގު މައުލޫމާތުތައް އޮޅުން ފިލުވާދެއްވައިފައެވެ.

"މިއުޒިކަކީ އިސްލާމް ދީނުގައި ޙަރާމްއެއްޗެއް. އަހަރެމެން ބޭނުން ވަނީ ގަދަ ބާރުން މަނާ ކުރުމުގެ ބަދަލުގައި، އާއްމުން މި ކަންކަމާ ދުރުވާން ހޭލުންތެރި ކުރުވަން. އާއްމު ތަންތަނުގައި މިއުޒިކް ޖެހުން މިހާރު މަނާ ވާނެ. އެކަމަކު އަދަބުދޭ ވާހަކައަކީ ދޮގެއް" މީގެ ކުރިން މުޖާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ތާލިބާނުން މީގެ 20 އަހަރު ކުރިން އެ ޤައުމުގައި ކުރަމުން ދިޔަ ވެރިކަމަށް ވުރެ ހަރުކަށިކޮށް ބައެއް ކަންކަން ކުރަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓް ކުރާ ވާހަކަ ވެސް އޭނާ ވަނީ ދޮގުކޮށްފައެވެ.

"އަންހެނުން ބޭރަށް ދިއުން މަނަލެއް ނުކުރަން. ސްކޫލަށް، ޔުނިވަރސިޓީއަށް ދެވޭނެ. މަޙްރަމެއް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ތަންފީޒު ކުރަނީ އިސްލާމީ ޝަރީއާ. އެ ޝަރީއާގައި އޮންނަނީ ދިގު ދަތުރެއް ކަމުގައި ވަންޏާ މަޙްރަމެއް ބޭނުންވާނެ ކަމަށް. މިގޮތުން އަހަރެމެން ކަނޑައަޅަނީ ތިން ދުވަހަށް ވުރެ ދިގު ދަތުރަކަށް ދަންޏާ މަޙްރަމަކާ އެކީ ދަތުރު ކުރުމަށް. އެއީ އެ މީހުންގެ ވެސް ރައްކަލަކަށް ޓަކައި" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވަނީ އެ ޤައުމުން ބޭރަށްދާން ބޭނުންވާ ފަރާތްތައް ހުއްޓުވާ ކަމަށް ކުރާ ރިޕޯޓްތައް ވެސް ދޮގުކޮށްފައެވެ. މިގޮތުން ވިދާޅުވީ، ވިސާ. ޓިކެޓް އަދި ޕާސްޕޯޓް އޮންނަ ފަރާތްތައް ނުހުއްޓުވާ ކަމަށާއި އަދި އެއަރޕޯޓްގައި އެމީހެއް އަދާ ކުރާ ވަޒީފާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ހުއްދަދީ، އަނެއް ބަޔަކު ހިފަހައްޓާ އުސޫލެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. މުޖާހިދު ވިދާޅުވީ، އެމެރިކާއަށް އެޤައުމުގައި ތިބި ޑޮކްޓަރުންނާއި އިންޖިނިއަރުން ދާން އެ ޖަމާއަތުން ނޭދޭ ކަމަށެވެ.

"އެމެރިކާއަށް ތިދަނީ ކީއްވެ؟ އަހަރެމެންގެ ޤައުމުގައި އަހަރެމެންނަށް ރައްކާތެރިކަން އޮންނާނެ. ޤައުމަށް ޚިދުމަތް ކުރައްވާ. ޑޮކްޓަރުން ވެސް އެމެރިކާއަށް ގޮސް ތަށި ދޮންނަން އުޅޭތަން އެބަފެނޭ. މިއީ ހިތާމަ ހުރި ކަމެއް" މުޖާހިދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!