ޚަބަރު

ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުގައްރަރުގެ ސަބަބަކުން ނޫން: ޒައިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުގައްރަރުގެ ސަބަބުން ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޒައިދު މިފަދައިން ވިދާޅުވެފައި ވަނީ ހަރުކަށި ވިސްނުމަށް ދަރިވަރުން ދިއުން ހުއްޓުވުމަށް، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް މުގައްރަރުތައް ހެދިފައި ވަނީ އެންމެ މީހެއް ނުވަތަ ދެމީހެއްގެ ވިސްނުމަށް ނޫން ކަމަށާއި، މުގައްރިރުތައް ހަދައިފައި ހުންނަނީ އިސްލާމް ދީން ކިޔަވައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުން ކަމަށެވެ. އެއަށް ފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުމުގެ ދަށުން އިސްލާމް މުގައްރިރުތަކުގައި ހަރުކަށި ކަމަކަށް ހިތްވަރު ދެވިފައި ނުވާކަން ވެސް ޢަލީ ޒައިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވީ “އިސްލާމް މުގައްރިރުތަކަށް ހަރުކަށި ކަމުގެ ތުހުމަތުކޮށް ބީ ފެކްޝަން ބޭފުޅުން ރުއްސަން އިސްލާމް މުގައްރަރުތަކާއި ކުޅެ ކޮށާ މަށާ ހެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން” ކަމަށެވެ. އަދި މީހުން ހަރުކަށި ވިސްނުމަށް ދަނީ އިސްލާމް މުގައްރަރު ތަކާއި ގުޅިގެން ނޫންކަމަށް ޒައިދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ވަކި އަދަދަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަވާ ކަމަށެވެ.

އަފީފް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސުކޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ފާހަގަކުރަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި އެކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!