ޚަބަރު އިޖުތިމާޢީ

މިއަދު އެމްޕީއެލް ސަރަހައްދުން ހަރުފައެއް ފެނިފައެއް ނުވޭ: އެމްޕީއެލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޕީއެލް ސަހަރައްދުން ވިހަ ގަދަ ހަރުފައެއް މިއަދު ފެނިފައިވާކަމަށް ބުނެ ފޮޓޯއާ އެކު ސޯޝަލް މީޑީޔާގައި ދައުރުވަމުން ދިޔަ ޚަބަރު އެމްޕީއެލްއިން ދޮގުކުރައްވައިފިއެވެ.

Ads by STELCO

އެމްޕީއެލްގެ މީޑިޔާ އޮފިޝަލް ދާނިޝް ނިޒާމް "ދެން"އަށް މައުލޫމާތުން ދެއްވަމުން ވިދާޅުވީ މިއަދު އެފަދަ އެއްޗެއް ފެނުނުކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އެފަދަ ޚަބަރެއް ފެނުމުން އެކަން ބަލައިފައިވާ ކަމަށެވެ.

"މިއަދު އެ ފަދަ އެއްޗެއް ފެނިފައިވާކަމަށް މައުލޫމާތު ލިބިފައެއް ނެތް. އެކަމަކު މިދިޔަ މަހުގެ 12ވަނަ ދުވަހު ފެނުނު ހަރުފައެއް. އެކަން ވާނީ އެމްޕީއެލްގެ މީޑިޔާ ގުރޫޕުގައި ހިއްސާ ވެސް ކޮށްފައި. މިއަދު މިފަދަ އެއްޗެއް ފެނުނުކަމުގެ މައުލޫމާތެއް ސެކިއުރިޓީން ވެސް ނެތް ހިއްސާކޮށްފައެއް" ދާނިޝް ވިދާޅުވިއެވެ.

އެމްޕީއެލް ސަރަހައްދުން ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފެނިގެން، ދާދި ފަހުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ފެނިފައި ވަނީ ދެ ފޫޓްގެ ބޮނޑެއް ކަމަށާއި މިއީ އާންމުކޮށް ރާއްޖެއިން ނުފެންނަ ބާވަތެއް ކަމަށްވާ "ވައިލްޑް އިގުއާނާ" ވައްތަރުގެ ބޮނޑެއް ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލްއިން ބުނީ މާލެ ކޮމާރޝަލް ހާބަރ ތެރެއިން ފެނުނު އެ ބޮނޑު އެމްއެންޑީއެފްއާ ހަވާލުކުރި ކަމަށެވެ. އަދި ކޮންޓެއިނަރުތައް ބަންދުކުރަނީ ބޮޑެތި ކާރުޚާނާތަކުގައި ކަމަށް ވާތީ ބައެއް ފަހަރު ގެންނަ ކޮންޓެއިނަރތަކުން ދިރޭ އެއްޗެހި ފެންނަ ކަމަށް ވެސް އެމްޕީއެލްއިން މައުލޫމާތު ދެއްވައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!