ޚަބަރު

ޕްރައިމަރީއަކުން ބައްޔެއް ނުވާނެ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

އެއްވެސް ޕްރައިމަރީއަކުން ރައީސް މުޙައްމަދު ބަލި ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙަށް ޕްރައިމަރީއިން ކާމިޔާބު ކުރެއްވުމުން އެ މަނިކުފާނަށް ތާއީދު ކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވާދަކޮށްފި ނަމަ ބަލި ނުވާނެ ކަމަށާއި ބަލިވެއްޖެ ނަމަ ދެންވާނެ ކަމަކީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑު ބައްޔެއް ނުވާނެ. އަޅުގަނޑަކީ ގަދަވުމަށް އިންތިޚާބުތަކުގައި ވާދަކުރާ މީހެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގައި ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމުގެ އުސޫލެއް އެއްވެސް އިރެއްގައި ނޯންނަ ކަމަށާއި މިއަންނަ ރިޔާސީ އިންތިޚާބުގައި ވެސް ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. އަދި އެއީ އެ ޕާޓީގެ އަސާސީ ޤަވާއިދުން ތަންދޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ޞާލިޙަށް ދެވިފައި ވަނީ އެމްޑީޕީން އަޅުގަނޑަށް ދިން ޓިކެޓް. ކޮންގްރެސް ބޭއްވުމަށް ފަހު ޚާއްސަ ހާލަތެއް ދެކި، އެހެން ގޮތަކަށް ނޯވޭ ޕްރައިމަރީއަކާ ނުލާ ޓިކެޓް ދެވޭނެ ގޮތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ދިޔައިރު، ކަންކަން ތަރުތީބުވެފައި އޮތީ އެމަނިކުފާނަށް އެ އިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑަށް ޕްރައިމަރީއިން ކާމިޔާބުވީ ނަމަވެސް އަޅުގަނޑުމެން ޕާޓީން ނިންމީ އަޅުގަނޑުމެންގެ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވާނީ އަޅުގަނޑު ނޫން ކަމަށް. އަޅުގަނޑު ވެސް ވަރަށް ބޮޑަށް އެދިގެން، ރުހިގެން އެ ކެނޑިޑޭޓެއްގެ ގޮތުގައި ނެރުއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީއަކުން ބަލިނުވާނެ ކަމަށް ރައީސް ރައީސް ނަޝީދު ވިދާޅުވިއިރު، ރައީސް ޞާލިޙާއި ރައީސް ނަޝީދުއާ ދެމެދު 2023ވަނަ އަހަރުގެ އިންތިޚާބުގެ ވާދަވެރިކަން އަންނަނީ އިތުރުވަމުންނެވެ. އެމްޑީޕީގެ ތެރޭގައި މިހާރު ދެ ފެކްޝަނެއް އުފެދިފައިވާއިރު، ރައީސް ޞާލިޙާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙް ވަނީ އެ މަނިކުފާނަށް 2023 ވަނަ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ދޮރު ބަންދު ނުވާ ކަމަށް ވިދާޅުވެފައެވެ.

  1. އަހަ

    ބަލިކުރާނަން. إنشاء الله

  2. ފެންނާމަނިކުފާނު

    އޭގެކުރިން ބޮޑު ނުފުއްސަވާވަރުގެބަލާއެއްކުރިމަތިކުރައްވާފަ ހިއްޕަވައިފާދޭ ޔާރއްބް