ޚަބަރު

ޖޭޕީގެ ރައްދު ރައީސް ނަޝީދަށް: ވަކި މީހަކު ބޭނުން ވެގެން މެނިފެސްޓޯއަކަށް ބަދަލެއް ނުގަނެވޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޤާސިމް، ރައީސް ނަޝީދާއެކު.. ފޮޓޯ/ވަން

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ފިޔަވައި ދެން އޮތް ޕާޓީތަކުން ބަރުލަމާނީ ނިޒާމެއް ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވި ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީން ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ކުރަން އެއްބަސްވި ކަންކަން އެ ހުރީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއިން ފެންނާން ކަމަށެވެ. އަދި ވަކި ޕާޓިއެއް ބޭނުން ވިޔަސް އޭގައި ނެތުމުން ދޭހަކޮށްދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫން ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެ މަނިކުފާނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީ ފިޔަވާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ރައީސް މައުމޫން ވެސް ނިޒާމު ބަދަލު ކުރަން ރައްޔިތުން ކުރެން ފެންނަ ނުފެންނަ ވޯޓެއް އެހުމަށް ތާއީދު ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރަން ތާއީދު އޮތްކަން އެނގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ، ވަކި ކަމަކާ މެދު ޕާޓީއަކުން ނޫނީ ވަކި ބޭފުޅަކު ތަފާތު ގޮތެއް ބޭނުންފުޅުވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދުކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިޙާދުގެ މެނިފެސްޓޯއަށް މިހާރު ލުމަށް އޮތް ހުއްޖަތެއް ވެސް ނޫން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު އަދާލަތުންނާއި މައުމޫންގެ އެމްއާރއެމުން ވެސް ވަނީ ދޮގުކޮށްފައެވެ.

ނިޒާމު ބަދަލު ކުރުމުގެ ވޯޓެއްގެ ވާހަކައިގެ އަޑު ގަދަވެފައިވާއިރު، މީގެ ކުރިން 2007ވަނަ އަހަރު ވެސް ވަނީ ރާއްޖޭގައި ނިޒާމީ ވޯޓެއް ނަގައިފައެވެ. އެ ފަހަރު ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަށް ދީފައި ވަނީ 58،504 ވޯޓެވެ. ބާތިލު ވޯޓްގެ އަދަދަކީ 1،767 އެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 199،841 މީހުންގެ ތެރެއިން 155،890 މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!