އަލީ ޒާހިރު ހުންނެވީ ބިރުން ތުރުތުރު އަޅައަޅާ، ހެއްދެވީ ދޮގުކަން މޫނުމަތިން ފެނުނު: އަދުރޭ
އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރަށް ކުރަމުންދާ ބައެއް ތުހުމަތުތައް ރައްދު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ހެއްދެވީ ދޮގުކަން އެމަނިކުފާނުގެ މޫނުފުޅުން ރަނގަޅަށް ފެންނަން ހުރި ކަމަށް، އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވަނީ އަލީ ޒާހިރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަލީ ޒާހިރުގެ ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމަކީ މިސަރުކާރުން ޝަރުއީ ކޯޓުތަކަށް ނުފޫޒުފޯރުވަމުންދާކަން ރައްޔިތުންނަށް އެނގި ހާމަވަމުންދާތީ އެކަމާ ކެތް ނުކުރެވިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު މަސައްކަތް ކުރެއްވީ އެމަނިކުފާނަށް ކުރެވެމުންދާ ތުހުމަތުމަތުން ބަރީއަވޭތޯ ކަމަށާއި އެހެން ނަމަވެސް އަލީ ޒާހިރު ހުރިހާ ރައްޔިތުންގެ ކުރިފުޅު މަތީގައި އިތުރުފުޅު ހެއްދެވިކަން އެ މަނިކުފާނުގެ މޫނުން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އޭނައަށް ތުހުމަތު ކުރެވޭ ކަންތައްތަކުން ބަރީއަ ވެވޭތޯ މަސައްކަތް ކުރައްވާފައި. އެހެން ނަމަވެސް އޭނަ ޖަވާބު ދެމުން ގެންދެވިއިރު، އޭނަގެ އަނގައިން އެބަސްތައް ނިކުންނަމުން ދިޔައިރު، އޭނަގެ މޫނުމަތިން ހެކި ދެމުން ދިޔައީ ކަނޑައެޅިގެން ތިމަންނައަށް މި ހެދެނީ ދޮގުކަން"
އަދުރޭ ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުން ބަލަން ތިބި މީހުންނަށް އޭނާ ބިރުގަންފައި ހުރި މިންވަރު ވަރަށް ސާފު ކަަމަށެވެ. އަދި އަލީ ޒާހިރު ހުންނެވީ ބިރުން ތުރުތުރު އަޅާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާ ދެކޮޅަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތަށް އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށާއި ބައެއް ނިންމުންތައް ނިންމެވުމަށް އަލީ ޒާހިރު ނުފޫޒު ފޯރުވާ ކަމަށް ކުރީގެ ބައެއް ފަޑިޔާރުން ވަނީ ތުހުމަތު ކުރައްވައިފައެވެ. މި ތުހުމަތުތަކާ ގުޅޭ ގޮތުން އަލީ ޒާހިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެއީ ނުހިނގާ ކަމެއް ކަމަށާއި އެކަން ނުކުރާ ކަމަށް ހަތް ފަހަރު ހުވާ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ގަދަ މީހުން ތިއްބާ، ތުހުމަތުގެ އިނގިލި އަލީ ޒާހިރަށް ދިއްކުރަނީ ކީއްވެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން އަލީ ޒާހިރު ވިދާޅުވީ، އެކަން ކުރަނީ "ފިނޑި" ކަމުން ކަމަށާއި ސަރުކާރަށް ސީދާ ތުހުމަތު ކުރަން ނުކެރެނީ ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، މިރާއްޖޭގެ ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ޞާލިޙް ނަންގަވަން ޖެހޭނެ ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް އަބަދުވެސް ވިދާޅުވަމުންދާ ކަމަށެވެ. އަދި އިދިކޮޅުން އެއްވެސް އިރަކު އެއްވެސް މީހަކު ދެކެ ބިރުން ނޫޅޭނެ ކަމަށާއި ނަން ކިޔަން ޖެހޭ ހާލަތެއްގައި އެންމެންގެ ނަން ވެސް ކިޔާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މަނިކުފާނުގެ ފަސް ހިއްސު ސަލާމަތުން އެބަހުރިތޯއޭ. މި ސުވާލުކޮށްލަން މިޖެހެނީ މި ޕޯޑިއަމްގައި މިދަނީ ކަނޑައެޅިގެން ނަން ކިޔާފައި ވާހަކަ ދައްކަމުން. އަޅުގަނޑު މިދަންނަވަނީ މިރާއްޖޭގައި މި ހިނގާ ހުރިޙާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހޭ. ރައީސް ވިދާޅުވާ ކަންކަން ކުރައްވަން ހުންނަވާ ބޭފުޅެއް އަލީ ޒާހިރަކީ." އަދުރޭ ވިދާޅުވިއެވެ.
“ގައުމުގައި މިހާރު ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް”
އެހެންވީމާ ރައީސް ޔާމީން ގެ ދައުރުގައި ހިނގި ކަންތަކުގެ ޒިންމާ ނަގަން ޖެހޭމީހާ ޒިންމާދާރުކޮށް ހުކުމް ކޮށްފަ ހުރިވާހަކަ ރީތިގޮތުގަ ބުނެލީދޯ.
އަދުރޭމެން ހުރިހާ މޮޅެއް ކައިގެން ރައީސް ޔާމީން ބޮލަށް ކަނޑާލާފަ އެވަރުން ނުވެގެން ރައްޔިތުން އެއްކޮށްގެން ރައީސް ޔާމީނަށް މަލާމާތް ވެސް ކުރަނީ.
އަދުރޭ މެންގެ ބައިގަނޑު ދައްކާ ވާހަކަ އާ ދޭތެރޭ ކުޑަކޮށް ވިސްނާލީމަ މަށަށް ދޭހަވިގޮތް މީ.
ލަދުހަޔާތް ކުޑަވިޔަސް މީ ފުކެއް ބޮޑުވަރު ހެން ހިއެއް ނުވޭތަ؟