ރައީސް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު: އަލިފުށީ ޖޮބްސެންޓަރުގެ ހިދުމަތް އިފްތިތާހް ކޮށްދެއްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިހާރު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ރ. އަލިފުށީ ޖޮބްސެންޓަރުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ރޭ އަލިފުށީގެ ބޭއްވި މި ހަފްލާގައި ޖޮބް ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކްޑިވެލޮޕްމަންޓްއާއި، ރ. އަލިފުށީ ކައުންސިލްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ހ. އަލިފުށީގައި، ޖޮބް ސެންޓަރުގެ މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި ރެޖިސްޓްރޭޝަންއާއި އެކްސްޕެޓް ޕޯޓަލްއާ ގުޅޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ އޮފިޝަލުން މިހާރު އަލިފުއްޓަށް ކުރާ މި ދަތުރުގައި ގްރޭޑް 10ގެ ދަރިވަރުންނާއި، އަލިފުށީގެ އެކި ޖަމިއްޔާތަކަށް އަމާޒުކޮށް، ޖޮބް ސެންޓަރުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް، ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
ރޭ އަލިފުށީގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އަދި ރައްޔިތުން މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު، އަލްފާޟިލް މުޙައްމަދު ރަޝީދު ޙުސައިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.