މިހާރުން މިހާރަށް ރާއްޖެއިން އިންޑިއާ ސިފައިން ބާލާ: އަދުރޭ
މިހާރުން މިހާރަށް ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ގޮވައިލައްވައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދާ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަތޮޅުތެރެއަށް މިހާރު ކުރައްވާ ދަތުރުފުޅުތަކަކީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެއް ކަމަށެވެ. އަދި އެ ދަތުރުތައް ހުއްޓައިލުމަށާއި އޭގެން ސަރުކާރަށް ކުރާނެ މަންފާއެއް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"ބޭރުގެ ގައުމެއްގެ އެހީގައި ދެން މި ގައުމުގެ ވެރިކަމަށް އައުމުގެ މަސައްކަތް ނުކުރައްވާ. މި ގައުމުގެ ރައްޔިތުން އެކަމަށް ފުރުސަތެއް ނުދޭނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް މި ސަރުކާރުން ކުރާ އަނިޔާތައް ހުއްޓައިލުމަށާއި ރައީސް ޞާލިޙް އިސްތިއުފާ ދެއްވުމަށެވެ.
"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޯލިޝަނުން ފުރަތަމަ ނިންމީ ސުލްޙަވެރި ހިނގާލުމެއް ބޭއްވުމަށެވެ. ނަމަވެސް ކާނިވާ ސަރަޙައްދުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ އެ ހިނގާލުމަށް ހުރަސް އަޅައިފައެވެ. އެހެންކަމުން އެ ހިނގައިލުން ފަހުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން "އިންސާފު ހޯދަން" ނަމުގައި ބޭއްވި މި މުޒާހަރާ ފަށައިފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ގިނަ އަދަދެއްގެ މީހުން މި އެއްވުމުގައި ބައިވެރިވެފައިވާއިރު އެ އެންމެން ވެސް ހަރު އަޑުން ގޮވައިލަމުން ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށެވެ.