ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އެންޓީ ކޮރަޕްޝަން ކޮމިޝަނުން ނެރުނު ހުދު ކަރުދާހުގައި ސުވާލު އުފެއްދުމުން، ދައުލަތާ ދެކޮޅަށް ހުށައެޅޭ މައްސަލަތަކުގައި ބަދަލު ދޭ ގޮތް ސަރުކާރުން އެކޮމިޝަނަށް ބުނެދެއްވައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުން މިއަދު އާއްމު ކުރި ނޫސްބަޔާނެއްގައި ވިދާޅުވީ ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީ ހިމަނައިގެން ކޮމިޓީއެއް ސަރުކާރުން އުފެއްދިކަމަށާއި އެ ކޮމިޓީއަށް 37 މައްސަލަ ހުށައެޅި ކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ އެކޮމިޓީއަށް ހުށައެޅި މަައްސަލަތަކުގެ ތެރެއިން ގެއްލުމުގެ ބަދަލުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައި ވަނީ އެންމެ މައްސަލައެއް ކަމަށެެވެ.
"ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި")އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 (ދޭއް) މައްސަލައެކެވެ. މި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނިން ހޯދުމަށް އެދިފައިވަނީ، ގާތްގަނޑަކަށް 155,000,000 (ސަތޭކަ ފަންސާސް ފަސް މިލިއަން) އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ޚަރަދުތަކެވެ." ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިބަޔާނުގައި އިތުރަށް ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެ ކަމަށާއި މި މައްސަލަތަކުގައި ޢަމަލުކޮށްފައި ވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމައިފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިޤްރާރުވެ އަދި/ނުވަތަ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށް، ނިންމާފައިވާނެ ކަމަށާއި މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަން ވެސް ސަރުކާރުގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ނުޙައްޤުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލުތަކާ އެކު ސަރުކާރުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.