ޚަބަރު

ހުޅުމާލޭ ޖަލުގައި ގައިދީއަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

Ads by MWSC

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލޭ ޖަލުން މިރޭ ނިޔާވީ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު)އެވެ.

އޭނާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީނދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލުން ބެލުމަށް ފަހު، މިރޭ 8:23ގައި އޭނާ ނިޔާވެފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ވަނީ މައުލޫމާތު ދީފައެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުން ދިޔަ ފަރާތެއް ކަމަށާއި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުން ދިޔަ ފަރާތެއް ނޫންކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަ ކޮށްފައެވެ.

މުޙައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގައިފައި ކަމަށް ވެސް އެ ސާވިސްއިން ބުނެފައިވެއެވެ.

އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް އެބަގެންދެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!