ޚަބަރު އިޖުތިމާޢީ

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު: އުމުރުން 8 އަހަރުގެ ކުދިން ވެސް މިވަބާގެ ތެރޭގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: ދެން

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ގޯސްވެފައިވާކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާތައް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތުގެ ތަފްސީލް ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި ކުޑަކުދިން ވެސް އުޅޭކަމަށާއި އުމުރުން އެންމެ 8 އަހަރުގެ ކުދިން ވެސް މިވަބާގައި ޖެހިފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.

"އެންމެ ގިނައިން ފާހަގަކުރެވެނީ އުމުރުން 15 އަހަރާއި 17 އަހަރާ ދޭތެރޭގެ ކުދިން. އެކަމަކު ހަމަ 8އަހަރުގެ ކުދިން ވެސް މަސްތުވާތަކެތީގެ ވަބާގަ ޖެހޭކަން ފާހަގަކޮށްލެވޭ،" ސަފިއްޔާ ވިދާޅުވިއެވެ.

ސަފިއްޔާ ވިދާޅުވީ ރިކޯޑްތައް ދައްކާގޮތުގައި މިހާރު އުމުރުން 17 އަހަރުން ފެށިގެން 68 އަހަރާ ދެމެދުގެ މީހުންވެސް މި ވަބާގެ ތެރޭގައި އުޅޭކަމަށެވެ. އެެހެން ނަމަވެސް 2014ވަނަ އަހަރު މި އަދަދުތައް ދަށް ކަމަށާއި އޭރުގެ ރިކޯޑްތަކުން ދައްކާގޮތުގައި ވަބާގައި ޖެހިފައި ވަނީ އުމުރުން 22 އަހަރާއި 37 އަހަރުގެ މީހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ގޯސްވެފައިވާއިރު މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިންނާ ބިދޭސީން ވެސް ބޭނުންކުރާކަމަށް އޭނާވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ވެސް ފުލުހުން ގެންދަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ވިޔަފާރި އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ "ޑްރަގް ކެފޭ"ތައް ބަންދުކޮށް ފުލުހުން ގެންދަނީ 24 ގަޑިއިރު އެތަންތާ ކައިރީ ފޯރި މަރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!