މިއަދު 3 ރަށެއް މޮނިޓަރިންއަށް: ދިޔަމިގިލިން 14 މީހަކު ފައްސިވި!
އިތުރު 3 ރަށަކުން ކޮވިޑް-19ގެ ވޭދަނަތައް ފެނި މޮނިޓަރިންއަށް ލައިފިއެވެ. މިއަދު މޮނިޓަރިންއަށް ލައިފައިވާ 3 ރަށަކީ ގއ. މާމެންދޫ، ތ. ވޭމަންޑޫ އަދި ތ. ދިޔަމިގިއްޔެވެ.
މިއާއެކު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ޖުމްލަ މި ވަނީ 22އަށް އަރައިފައެވެ.
ތ. ދިޔަމިގިލި ކައުންސިލްގެ ރައީސް އަހުމަދު މޫސާ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލައިފައިވާކަން ކައުންސިލަށް އަންގައިފައި ވަނީ މިރޭގެ 19:45 ހާއިރު ކަމަށާއި އެއީ މިމަހުގެ 13 ނެގި ސުންކުތަކުގެ ތެރެއިން ޖުމްލަ 14 މީހަކު ކޮވިޑަށް ފައްސިވުމުންކަމަށެވެ.
"13 ވަނަ ދުވަހު ނެގި 70 ސުންކުން 14 ސުންކު ވަނީ ފައްސިވެފަ. މިއީ އަދި އަލަށް މިރަށް މޮނިޓަރިންއަށް މިލީ. އާއްމު ހާލަތު އަދި ރަނގަޅު އެކަމަކު އުއްމީދު ވެސް ނުކޮށް ތިބި ހާލަތެއްގައި މި ފައްސިވީ. ދެން މިހާރު އަޅާނެ ފިޔަވަޅުތަކާ މެދު ޓާސްކްފޯހާ މަޝްވަރާ ކުރަމުން ދަނީ" އަހުމަދު ވިދާޅުވިއެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް "ދެން"އަށް ވިދާޅުވީ އިއްޔެ ފުލޫ ކުލިނިކަށް ދެއްކި ފަރާތެއް ބައްޔައް ފައްސިވުމުގެ ސަބަބުން އެއްތާވި މީހުންގެ ތެރެއިން ނެގި އިތުރު 2 ސުންކެއް ފައްސިވުމުގެ ސަބަބުން އެރަށް މޮނިޓަރިންއަށް ލައިފައިވާކަމަށެވެ.
"މިވަގުތު 3 މީހުން މިތިބީ ބަލި ޖެހިފައި. ދެން ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ މި. ރަށުގެ އާއްމު ހާލަތު ރަނގަޅަށް އަދި މިއޮތީ" ރަޝްވާން ވިދާޅުވިއެވެ.
މިއަދު މޮނިޓަރިންއަށް ލީ ގއ. މާމެންދޫ މީހަކު ބުނީ ފުލޫ ކްލިނިކުން ނެގި ސުންކުތަކުގެ ތެރެއިން ފައްސިވީ 5 މީހުން މި ވަގުތު އެބަތިބި ކަމަށާއި އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19ގެ ވޭދަނަތައް ފެނި އިއްޔެ ވަނީ ގއ. ގެމަނަފުށި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.