ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ޝަރީޢަތަކީ ވަކި ގޮތަކަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވާފައިވާ ޝަރީޢަތެއް: ޝަހީމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރެވޭ ޝަރީޢަތަކީ ވަކި ގޮތަކަށް ޙުކުމް ކުރުމަށް ނުފޫޒު ހިންގައިފައިވާ ޝަރީޢަތެއްކަމަށް ފަނޑިޔާރުން ބުނަމުންދާ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މި ފަދައިން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ޝަރީޢަތަކީ، ފުރިހަމަ ނުވެ އޮތް ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ޢަދުލުވެރި ނޫން ހެކިން ބޭނުންކޮށްގެން ވަކި ގޮތަކަށް ޙުކުމްކުރުމަށް ނުފޫޒު ހިންގައިފައިވާ ޝަރީޢަތެއްކަން އެކަން ބެލި ފަނޑިޔާރުންގެ އަމިއްލަ ދޫތަކުން ހާމަކުރަމުންދާ ކަމަށެވެ. ޝަހީމް ވަނީ ރައީސް ޔާމީން މިނިވަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީ ބައްޔަށް ހައި ރިސްކް ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިންނެވެ.




.webp)

ކޮމެންޓް