ބިދޭސީންގެ ވަގު ވިޔަފާރި ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅައިފި
ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނުނަށް ބަދަލުގެންނަން ސަރުކާރުން މަޖިލީހަށް ހުށަަހެޅި މި ބިލުގައި އޮތީ ރާއްޖޭގައި ދިރިނޫޅޭ ދިވެހިންގެ ވިޔަފާރިތައް އެ މީހުންގެ ފަރާތުން މީހަކު އަައްޔަންކުރާ ހާލަތުގައި، އެ ހަވާލުކުރާ މީހާއަކީ ވެސް ދިވެއްސަކަށް ވުމަށް ޝަރުތު ކުރުމަށެވެ. މިހާރު އެ ގާނޫނު އޮތް ގޮތުން، ވިޔަފާރި ހިންގަން ހަވާލުކުރާ މީހާއަކީ ދިވެއްސަކަށްވުން ލާޒިމެއް ނޫނެވެ.
ސަރުކާރުގެ ފަރާތުން މިއަދު ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހުގައި އިއްވައިފައެވެ.
އާއްމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަން އެ ބިލުގައި އޮތީ މައިގަނޑު ދެ ބަދަލެކެވެ. އޭގެ ތެރެއިން، ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށްވުން ލާޒިމުކުރިމަކީ އޭގެ އެއް ބަަދަލެވެ.
އަނެއް ބަދަލަކީ ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީއަށް ގަބޫލުކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލުކުރެވޭ ގޮތަށް ހެދުމެވެ.
ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރުކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން އެ ބިލުގައި އެބައޮތެވެ. އެގޮތުން އެ މާއްދާގެ (ރ)ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަމްބަރުގައި އޮތީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުންް 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅި އެއް މަގުސަދުކަމަށް ބިލުގައި ބުނެފައި އޮތީ ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.