ޑޮކްޓަރުންނާއި ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑައިލުމާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ، ފިނޭންސްގެ ލަފާގެ މަތިން، ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށްދޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސައިލާން ނިންމާފައިވާކަން ސާކިއުލާއަކުން އަންގައިފައެވެ.
އެނގިފައިވާ ގޮތުގައި، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި އައިޖިއެމްއެޗްގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާ އެކު އިއްޔެ ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފައިވެއެވެ. އަދި އެ މައްސަލައިގައި ރައީސް ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކާ މިއަދު ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްޢަޒީޒް އޮންލަައިން ނޫހަކަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސާއެކު އޮތް ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ޑޮކްޓަރުންނާއި ނަރުހުން ފާހަގަކުރެއްވީ 2014ގައި ހަދާފައި އޮތް ހާއްސަ އޮނިގަނޑުގެ މައްސަލަ ކަމަށެވެ. އަދި މުސާރައިގެ ދަތިތަކުގެ ސަބަބުން ރަނގަޅު ޑޮކްޓަރުން ހޯދުމާއި ދިވެހި ޑޮކްޓަރުންނަށް ހުރި ދަތިތަކުގެ ވާހަކަ ޑޮކްޓަރުން ފާހަގަކުރެއްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
އެ ކަންބޮޑުވުންތައް ބަލައިގަނެ އެއީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ރައީސް ގަބޫލުފުޅު ކުރެއްވި ކަމަށާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެކަންތައް ހައްލު ކުރެއްވުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރައްވާކަން ރައީސް ފާހަގަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެހެންމީހުންނަކީ ނެތް ބަޔެއް. ޑޮކްޓަރުންނާ ނަރުހުންގެ މުސާރަ ބޮޑުކުޜޭ މަޖިލީހު މެމްބަރުންނާ އެއްވަރަށް. ސިވިލް ސަރވެންޓުންގެ މުސާރަ މާބޮޑު، އަވަހަށް 25% ދަސްކުރޭ. ބުރުމާ އުޞޫލު