މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ އަމީން މިނިވަންކޮށްފި

ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ މުހައްމަދު އަމީނަށް ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ، ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ ކޯޓުން މިގޮތަށް ނިންމީ ކްރިމިނަލް ކޯޓުގައި އުފުލައިފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން ވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކަށް މައްސަލަ ބެލުމަށް ފަހުގައެވެ.
އެނގިފައިވާ ގޮތުގައި ނިރުބަވެރި އަމަލެއް ކުރަން ރޭވުމުގެ ދައުވާގައި ހައްޔަރު ކުރި އަމީން މިނިވަން ކޮށްފައި މިވަނީ ދޮޅު އަހަރު ފަހުންނެވެ. ނަމަވެސް އޭނާ މިނިވަން ކުރަން ކުރި ހުކުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާއަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވެސް ވެއެވެ.
އިންޓެލިޖެންސް ރިޕޯޓުތަކާއި މޯބައިލް ފޮރެންސިކް ރިޕޯޓަކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓަކާއި ޓެކްޓިކަލް އިންޓެރޮގޭޝަން ރިޕޯޓެއް އަދި ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކެއްގެ ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފެއް އަމީނާ ދެކޮޅަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
އެހެން ނަމަވެސް އަމީން ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކޮށްފައެވެ.
އަމީނަކީ 2007ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު މީހެކެވެ.