Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ހިރިލަންދޫ ސްކޫލްގެ މައްސަލަ: ބެލެނިވެރިން އެދެނީ ބަޖެޓު ކޮށްފައިވާ އިމާރާތުގެ މަސައްކަތް އަވަސް ކޮށްދިނުމަށް

ހިރިލަންދޫ ސްކޫލްގެ މައްސަލަ: ބެލެނިވެރިން އެދެނީ ބަޖެޓު ކޮށްފައިވާ އިމާރާތުގެ މަސައްކަތް އަވަސް ކޮށްދިނުމަށް

ތ. ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ނުލިބޭ ކަމަށް ބުނެ ދަރިވަރުން ސުކޫލަށް ނުފޮނުވާ މައްސަލައިގައި، ބެލެނިވެރިން އެދެނީ ބަޖެޓު ކޮށްފައިވާ އިމާރާތުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހިރިލަންދޫ ކައުންސިލް ރައީސް މުޙައްމަދު ޖަލާލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބެލެނިވެރިން ބޮޑަށް ފާހަގަ ކޮށްފައި ވަނީ މިހާރު ކިޔަވައި ދެމުންދާ އިމާރާތް ބައުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ކަންބޮޑުވުން ކަމަށެވެ.

"ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ވެދާނެ މިހާރު އެ އިމާރާތަށް. ވާރޭ ވެހޭ ދުވަސް ދުވަހު، އެ އިމާރާތުގެ ކްލާސްރޫމްތަކަށް ފެން ފޭބުމާ. ވިއްސާރަ ދުވަސް ވަރަކު އެތަނުގައި ކިޔެވޭވަރު ވެސް ނުވާތީ އެ ކަންބޮޑުވުން ފާޅުކުރީ. ބެލެނިވެރިން އެދެނީ މިހާރު ބަޖެޓު ކޮށްފައި އޮތް ހިރިލަންދޫ ސްކޫލުގެ ތިންބުރި އިމާރާތާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އަވަސް ކޮށްދިނުމަށް" ޖަލާލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ވިއްސާރަވުމުން ހިރިލަންދޫ ސްކޫލްގެ ހޯލަށް ފެން ވިއްސާ މައްސަލައާއި ފުރާޅާއި ސީލިންގު ފޫގޮސްފައި ހުރުމުގެ ސަބަބުން ދަރިވަރުންގެ ފޮތްތައް ތެމޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެ ރަށު ބެލެނިވެރިން މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ނިކުމެ ވަނީ ސްކޫލްގެ ގޭޓްގައި ބޮޑުތަޅު އަޅުވައިފައެވެ. އަދި އެ ދެ ދުވަހު އެ ސްކޫލަށް އެއްވެސް ކުއްޖަކު ވެސް ފޮނުވައިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަހުމަދު އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ މައްސަލައިގައި ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ވެސް ދަރިވަރުން ސްކޫލަށް ނުފޮނުވައިފި ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ބެލެނިވެރިންނާ ޕީޓީއޭގެ މެންބަރުންނާ ވެސް މަޝްވަރާ ކޮށްފައި. އެބޭފުޅުންގެ ކަންބޮޑުވުމަކީ އެތަނުގައި އަލަށް އަޅަން ފަށައިފައިވާ އިމާރާތް އިއުލާނު ކުރުން. އިމާރާތް އިއުލާނު ކުރަން ދެން އިހުތިޖާޖު ކުރާނަމޭ އެބޭފުޅުން ބުނަމުން ދަނީ. އަޅުގަނޑުމެން އެބޭފުޅުންނަށް ދަންނަވައިފައި ވާނީ އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫންކަން. މާދަމާއިން މާދަމައަށް އިއުލާނެއް ނުކުރެވޭނެ ބޮޑު ޕީއެސްއައި ޕްރޮޖެކްޓެއް." އަހުމަދު އަލީ ވިދާޅުވިއެވެ.

އަހުމަދު އަލީ އިތުރަށް ވިދާޅުވީ، އެ އިމާރާތް އިއުލާނު ކުރެވޭނެ އިރެއްގެ ޔަގީންކަން ދެއްވުމަށް ވެސް ބެލެނިވެރިން އެދުނު ކަމަށާއި އެހެންކަމުން އެކަމަށް އެއް މަސް ދުވަސް މިނިސްޓްރީން ދިން ކަމަށެވެ.

އެޑިއުކޭޝަންގެ ޕީއެސް އިތުރަށް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ނުފޮނުވާ ނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށާއި، ދަރިވަރުންގެ ތައުލީމު މިފަދައިން ނަގައިނުލުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް