ޚަބަރު

ހިޔާ ޕްރޮޖެކްޓްގައި ހިމެނޭ އެމްޕީއެލްގެ ފްލެޓްތައް ހަވާލު ކުރެވޭނީ އަންނަ އަހަރު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ހިޔާ މަޝްރޫއުގައި ހިމެނޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފުލެޓުތައް ހަވާލު ކުރެވޭ ވަރުވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

Ads by STELCO

އެމްޕީއެލްގެ 35 ވަނަ އަަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި މަޝްރޫއަކީ އެ ކުންފުނިން މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

ހިޔާ މަޝްރޫއުގައި އެމްޕީއެލްއަށް ހާއްސަ ކޮށްގެން 15 ބުރީގެ ތިން ޓަވަރު އަޅާއިރު މި މަޝްރޫއަށް އެމްޕީއެލްއިން 566.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެމްޕީއެލްގެ ފުލެޓްގެ މަސައްކަތް ނިމިފައިނުވާއިރު ހިޔާ މަޝްރޫގެ ދަށުން ފުލެޓް ލިބުނު ފަރާތްތަކުން އެ ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމައި މިހާރު ބައެއް ފަރާތްތަކުން ދަނީ ފިނިޝިންގެ މަސައްކަތް ނިންމައި އެފުލެޓުގައި ދިރިއުޅެން ފަށައިފައެވެ.

2018ވަނަ އަހަރު އެމްޕީއެލްގެ ފްލެޓުތައް ދިނުމަށް ވަގުތީ ލިސްޓެއް އާންމު ކޮށްފައިވެއެވެ. އެހެން ނަމަވެސް، މި ސަރުކާރުގައި އެ ލިސްޓު ބާތިލުކޮށް އަލުން އެކުލަވައިލީއެވެ. އެމްޕީއެލްއިން މިއަދު ބުނީ މި ސަރުކާރުގައި ހަވާލުވި މެނޭޖްމަންޓުން ފްލެޓުތައް ދިނުމުގައި ޕޮއިންޓު ދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފްލެޓުތައް ދިނުމަށް ޓަކައި އޭރުގެ ވަގުތީ ލިސްޓު ކެންސަލްކޮށް އަލުން އެޕްލިކޭޝަން ހުށަހަޅަން ހުޅުވައިލި ކަމަށެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓު ގަންނަން ތިން ގޮތެއް ބަޔާންކޮށްފައި ވެއެވެ. އެއީ އެކީ އެއްފަހަރާ ފައިސާ ދެއްކުން، ނުވަތަ އެއް އަހަރަށް ބަހައިލައިގެން ފައިސާ ދެއްކުން، ނުވަތަ ބޭންކް ނޫނީ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!