ޚަބަރު

އައްޑޫ ސިޓީގެ ކާފިއު މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކާފިއު ހިންގާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

Ads by STELCO

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވަ ބަޔާނެއްގައިވާ ގޮތުން އައްޑޫގައި ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އަންގައިފައިއެވެ. އެ ގޮތުން ކޮންމެ ރެއެއްގެ 21:00 އިން ފެށިގެން ފަތިހު 04:00ގެ ނިޔަލަށް ބޭރަށް ނުކުތުން މަނާ ކުރުން ހިމެނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދެވޭނީ ރޭގަނޑު 21:00 ގެ ނިޔަލަށް ކަމަށާއި އައްޑޫ އީއޯސީގެ ހުއްދައާ އެކު ރޭގަނޑު 00:00 އާ ހަމައަށް އެފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ 21:00އާ ހަމަޔަށް ކަމަށާއި އައްޑޫ އީއޯސީގެ ހުއްދަޔާއެކު ޑެލިވަރީ ހިދުމަތް 22:00 އާ ހަމަޔަށް ކުރެވޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހައިތަނަށް 1،237 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި 1،010 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 224 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!