ޚަބަރު

ފިޔަވަތީގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އާކްއިން ގޮވައިލައިފި

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ފިޔަވަތީގައި ހިނގި މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްރަން (އާކް)އިން ގޮވައިލައިފިއެވެ.

Ads by STELCO

ފިޔަވަތީގައި ރޯކޮށްލީ އެތަނުގައި ތިބި ކުދިންނަށް ބޭރަށް ނުނުކުމެވިގެން ކަމަށް ވަނީ ޚަބަރު ފެތުރިފައިވެއެވެ. އެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވި ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާ މަރުކަޒުތަކުގައި މިފަދަ ހާދިސާތައް ހިނގުން ދަނީ ތަކުރާރު ވަމުންނެވެ.

މި މައްސަލައާ ގުޅިގެން އާކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކަންތައްތަކުގެ ތެރޭގައި، ފިޔަވަތީގައި ކުދިން ބަލަހައްޓާ މީހުން ކުދިންނަށް އިހާނެތިކޮށް ހިތާ ކަމަށް އެ ކުދިން ބުނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މިފަދަ ހާދިސާތައް ތަކުރާރު ވަނީ އެ ކުދިންނަށް ބޭނުންވާ އަޅާލުން ނުލިބޭތީ ކަމަށް ފާހަގަކޮށް، ކުދިންގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ސަރުކާރަށް އާކުން ގޮވައިލައިފައިވެއެވެ.

"މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށް ދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުން ނުދާކަމެވެ. އެހެން ކަމުން، އެ ކުދިންނަށް އެންމެހައި އަޅައިލުމާއި އެހީތެރިކަން އެ ކުދިންގެ ހައްގުތަކާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ދައުލަތުން ކަށަވަރުކޮށްދިނުމަށް އާކްއިން ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.

ވިލިމާލޭގައި ހުންނަ ހިޔާގައި ހިނގި އަލިފާނުގެ ހަތަރު ހާދިސާއާއި އިއްޔެގެ ހާދިސާއަށް އިޝާރާތްކޮށް، އާކުން ބުނީ މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި މިއީ އެ މަރުކަޒުތައް ހިންގުމުގައި ފެއިލްވުމުގެ ނަތީޖާކަމަށް ބުނެ، މިކަންކަން ތަކުރާރުވުން ހުއްޓުވަން ވެސް ގޮވައިލިއެވެ. އެގޮތުން މިފަދަ މަރުކަޒުތަކުގެ އަލިފާނާއި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް އާކުން ގޮވައިލި ގޮވައިލުން ތަކުރާރުކޮށް، މިކަންކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވައިލިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!