ފުނަދޫ ކަނު އަނދިރީގައި، މިހާރު ކަރަންޓު ދެނީ ދޮޅު ގަޑިއިރަށް!
ށ. ފުނަދޫގައި މިހާރު ކަރަންޓު ދެމުން ދަނީ ކޮންމެ ގެއަކަށް ވެސް ދޮޅު ގަޑިއިރަށް ކަމަށް ފުނަދޫ ކައުންސިލްގެ ރައީސް، އަހްމަދު އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.
“ދެން”އަށް މަޢުލޫމާތު ދެއްވަމުން އިބްރާހިމް ވިދާޅުވީ ކަރަންޓްގެ މައްސަލައަށް ފަހު ހުރިހާ ގެއަކަށް ވެސް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ނަމަވެސް ކޮންމެ ގެއަކަށް ވެސް ކަރަންޓު ލިބޭނީ ދޮޅު ގަޑިއިރަށް ކަމަށެވެ. އަދި އަނެއް ދޮޅު ގަޑިއިރު ކަރަންޓު ކެނޑޭނެކަމަށް ވެސް އިބްރާހީމް ވިދާޅުވިއެވެ.
“މިހާރު ރަށުގެ ހުރިހާ ގެއަކަށް ވެސް ކަރަންޓު ލިބޭނެ. އެކަމަކު ކޮންމެ ގެއަކަށް ވެސް ލިބޭނީ ދޮޅު ގަޑިއިރަށް. ދޮޅު ގަޑިއިރު ކަރަންޓު ލިބިފަ އަނެއް ބައި ގަޑިއިރު ކަރަންޓު ކެނޑޭނެ. އެއީ ކަރަންޓު ލޯޑް ބޮޑުވާތީ” އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ކަރަންޓު ކެނޑިފައި ވަނީ އިންޖީނު މަރާމާތު ކުރަނިކޮށް ދިމާވީ މައްސަލައަކުން ކަމަށެވެ. އަދި ހުރިހާ ގެއަކަށް ވެސް އެއްކޮށް ކަރަންޓު ދިނުމަށް މިހާރު މަސައްކަތް ކުރަމުން ދާ ކަމަށާއި މިރޭ 22:00 ޖަހާއިރު ހުރިހާ ގެއަކަށް ވެސް އެއްކޮށް ކަރަންޓް ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
“މިހާރު މަސައްކަތް ކުރަމުން މިދަނީ ހުރިހާ ގެއަކަށް ވެސް އެއްކޮށް ކަރަންޓު ދެވޭތޯ. މިރޭ 10، ނޫނީ 11 ޖަހަން ވާއިރަށް ކަރަންޓު ދެވޭނެ ކަމަށް މި ބަލަނީ” އިބްރާހިމް ވިދާޅުވިއެވެ.
އެ ރަށުން “ދެން”އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު ހެނދުނުން ފަށައިގެން އަވަސް އަވަހަށް ކަރަންޓު ކެނޑެމުން ދިޔަ ކަމަށެވެ. އަދި އެ ރަށުން އަބަދުވެސް ކަރަންޓު މައްސަލަ ދިމާވާ ކަމަށާއި މިއަދު ކަރަންޓު ކެނޑުމާ ގުޅިގެން މާދަމާ އެ ރަށުގެ ސްކޫލްތަކުން ކިޔެވުން ވެސް މެދުކަނޑައިލައިފައިވާ ކަމަށެވެ.